ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފުވައްމުލައް

ފުވައްމުލަކުން އިތުރު ތިން މީހަކު ޕޮޒިޓިވްވެއްޖެ

ފުވައްމުލައް ސިޓީން ކޮވިޑް-19 އަށް އިތުރު ތިން މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. މިހާތަނަށް އެ ސިޓީން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ ހަތަރަކަށް އަރާފައެވެ.

ކޮވިޑްގެ ދެ ކޭސް އިއްޔެ އެ ސިޓީން ފެނުނު ނަމަވެސް އޭގެ ތެރެެއިން އެކެއްގެ ސާމްޕަލް އަލުން ނަގާ ޓެސްޓް ކުރުމުން ވަނީ ނެގެޓިވްވެފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހަކީ ޑުބާއިން އައިސް ފުވައްމުލައް ސިޓީގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓެއް ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްއާ ގުޅިގެން އިތުރު ބައެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުން އިތުރު ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"އެހެންކަމުން ޑުބާއީ ކްލަސްޓާ އިން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައި،" އެ ހޮސްޕިޓަލުން ބުންޏެވެ.

ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ފުވައްމުލަށް އޮތީ މޮނިޓަރިންގައެވެ. އެ ސިޓީގެ ކައުންސިލުން ބުނީ ހުރިހާ އަވަށްތަކެއްގެ ސުކޫލުތައް ބަންދުކޮށް ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައިވާ ކަމަށެވެ. އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް އަންގާފައިވެއެވެ. ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކޮށް ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ވަނީ ހުއްޓާލަން އަންގާފައެވެ. ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށް ފަހު ޑެލިވަރީގެ ހިދުމަތް ދިނުމަށްވެސް އަންގާފައިވެއެވެ.

މި ފިޔަވަޅުތައް އަޅާފައިވަނީ އެޗްޕީއޭގެ މޮނިޓަރިންއިން އެ ސިޓީ ނަގަންދެން ރައްކާތެރިކަމަށްޓަކައެވެ.