ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު އަދި ލ. ގަމުގައި ކާފިއު ހިންގާ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމި ނިންމުން މި މަހުގެ 26 ގެ ނިޔަލަށް ދަންމާލައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެެރެފައިވާ އެންގުމުގައި ބުނެފައިވަނީ މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ އާއި ފުވައްމަލުކު ސިޓީ އަދި ލ. ގަމުގައި ހަވީރު ހަތަރަކުން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރާ ކަމަށެވެ.
އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް މި މުއްދަތުގައި މަނާކޮށްފައިވެއެެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ އާއި ލ. ގަމުގައިވެސް އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ.
އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމާއި ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުމާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަަށްވެސް އަންގާފައިވެއެވެ.
އަދި ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ
ހިދުމަތް ދިނުމާއި ފިރާތަކުން ހިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.
ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ޑެލިވަރީގެ ހިދުމަތް ދިނުމަށްވެސް ވަނީ އަންގާފައެވެ.