ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފުވައްމުލައް

ފުވައްމުލަކުން ޕޮޒިޓިވްވި އަދަދު 14 އަށް

ފުވައްމުލައް ސިޓީން ކޮވިޑް-19 އަށް އިތުރު ތިން މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. މިހާތަނަށް އެ ސިޓީން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

ކޮވިޑްގެ ދެ ކޭސް އަންގާރަ ދުވަހު އެ ސިޓީން ފެނުނު ނަމަވެސް އޭގެ ތެރެެއިން އެކެއްގެ ސާމްޕަލް އަލުން ނަގާ ޓެސްޓް ކުރުމުން ވަނީ ނެގެޓިވްވެފައެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހަކީ ޑުބާއިން އައިސް ފުވައްމުލައް ސިޓީގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓެއް ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްއާ ގުޅިގެން އިތުރު ބައެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުން އިތުރު ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އިއްޔެ އިތުރު ތިން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއަދުވެސް ތިން މީހަކު ޕޮޒިޓިވްވިއެވެ. އެހެން ކަމުން ފުވައްމުލަކުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

ނަމަވެސް އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ މިހާރު ވަނީ ރަނގަޅުވެފައެވެ. އެކްޓިވް ކޭސްގެ އަަދަދަކީ 13 އެވެ.

އެ ރަށުގައި ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

އެގޮތުން މާދަމާއިން ފެށިގެން އަމަލުކުރަން ޖެހޭ ގިނަ ފިޔަވަޅުތަކެއް ވަނީ އާންމުކޮށްފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ރޭގަނޑު 8 ކުން ފަތިހު 4އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ. ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަންވެސް ވަނީ އަންގާފައެވެ.

އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން މަނާކޮށް ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދު ކުރަން ވަނީ އަންގާފައެވެ. ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް އަދި ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުންވެސް ވަނީ ހުއްޓާލާފައެވެ. ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ މާދަމާއިން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ.