ބޭރު ކުޅިވަރު

ދަގަނޑޭ އާއި ގައުމީ ކޯޗުގެ ވޯޓު ވެސް ރޮނާލްޑޯ އަށް

ފީފާ އިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިއާގެ މަގާމު ނުތަތަ ފީފާ ބެލޮންޑޯ އެވޯޑް ޕޯޗުގަލް އާއި ރެއާލް މެޑްރިޑްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް މިރޭ ލިބުނު އިރު، ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ގައުމީ ކޯޗު ޑްރާގޯ މަމިޗް ވެސް ވޯޓު ދިނީ ރޮނާލްޑޯއަށެވެ.

ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ކޯޗުން އަދި ނޫސްވެރިންގެ ވޯޓުން ހޮވާ ފީފާގެ މޮޅު ކުޅުންތެރިއާގެ އެވޯޑަށް ރޮނާލްޑޯއާ މި މަގާމަށް އެންމެ ގާތުން ވާދަކުރީ ބާސެލޯނާ އަށް ކުޅޭ އާޖެންޓީނާގެ ފޯވަޑް ލިއޮނެލް މެސީ އާއި ޖަރުމަންގެ ގައުމީ ޓީމާއި ބަޔާން މިއުނިކްގެ ގޯލްކީޕަރު މެނުއެލް ނޯޔާ އެވެ.

ރޮނާލްޑޯ މި މަގާމު ހޯދީ ވޯޓުގެ 37.66 ޕަސެންޓް ހޯދައިގެނެވެ. މި މަގާމަށް އޭނައާ އެންމެ ގާތުން ވާދަކުރި މެސީ އަށް ލިބިފައިވަނީ ވޯޓުގެ 15.76 ޕަސެންޓެވެ. ނޯޔާ އަށް ލިބުނީ ވޯޓުގެ 15.72 ޕަސެންޓެވެ.

ދަގަނޑޭ ފީފާގެ އެވޯޑްގެ އެއްވަނަ މަގާމަށް ރޮނާލްޑޯ އަށް ވޯޓު ދިންއިރު، ދެވަނަ ދީފައިވަނީ މެސީއަށެވެ. އަދި ތިން ވަނަ މަގާމު ދަގަނޑޭ ދީފައިވަނީ ބްރެޒިލްގެ ފޯވަޑް ނޭމާއަށެވެ.

މިދިޔަ އަހަރު އޮތް އޭއެފްސީ ޗެލެންޖް ކަޕްގައި ގައުމީ ޓީމަށް އިރުޝާދު ދިން މަމިޗް ވެސް އެއްވަނަ ދިނީ ރޮނާލްޑޯއަށެވެ. އަދި މަމިޗް ވެސް ދެވަނަ ދިނީ މެސީއަށެެވެ. ތިން ވަނަ ދިނީ ނޭމާއަށެވެ.

ފީފާގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދުމަށް ފަހު، ރޮނާލްޑޯ ވަނީ އޭނާ އަށް ވޯޓު ދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.