ފުވައްމުލައް ސިޓީން ކޮވިޑް-19 އަށް އިތުރު ބަޔަކު ޕޮޒިޓިވް ވެއްޖެ އެވެ. މިހާތަނަށް އެ ސިޓީން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 11 އަށް އަރާފައެވެ.
ކޮވިޑްގެ ދެ ކޭސް އަންގާރަ ދުވަހު އެ ސިޓީން ފެނުނު ނަމަވެސް އޭގެ ތެރެެއިން އެކެއްގެ ސާމްޕަލް އަލުން ނަގާ ޓެސްޓް ކުރުމުން ވަނީ ނެގެޓިވްވެފައެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހަކީ ޑުބާއިން އައިސް ފުވައްމުލައް ސިޓީގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓެއް ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްއާ ގުޅިގެން އިތުރު ބައެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުން އިތުރު ހަތް މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއަދު އިތުރު ތިން މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެން ކަމުން ފުވައްމުލަކުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 11 އަށް އަރާފައެވެ.
ނަމަވެސް އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ މިހާރު ވަނީ ރަނގަޅުވެފައެވެ. އެކްޓިވް ކޭސްގެ އަަދަދަކީ ދިހައެކެވެ.
ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ފުވައްމުލަށް އޮތީ މޮނިޓަރިންގައެވެ. އެ ސިޓީގެ ކައުންސިލުން ބުނީ ހުރިހާ އަވަށްތަކެއްގެ ސުކޫލުތައް ބަންދުކޮށް ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައިވާ ކަމަށެވެ. އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް އަންގާފައިވެއެވެ. ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކޮށް ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ވަނީ ހުއްޓާލަން އަންގާފައެވެ. ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށް ފަހު ޑެލިވަރީގެ ހިދުމަތް ދިނުމަށްވެސް އަންގާފައިވެއެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ އެޗްޕީއޭގެ މޮނިޓަރިންއިން އެ ސިޓީ ނަގަންދެން ރައްކާތެރިކަމަށްޓަކައެވެ.