މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ޓެކްސީ/ޕިކަޕު ހިދުމަތް ދިނުމަށް ކޮންމެ ސެންޓަރަކަށް 10 ފާސް ދޫކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.
ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް މިއަދު ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.
ފުލުހުން ބުނީ މަނާ ވަގުތުގައި ފެނާ/ގޭސް ހިދުމަތް ދޭ ކުންފުނިތަކަށް ހާއްސަ ހުއްދައެއް ނުނަގާ ހިދުމަތް ދެވޭނެ ކަމަށެވެ. ނަމަވެސް ކޮންމެ ކުންފުންޏަކަށްވެސް ބޭނުން ކުރެވޭނީ ދެ ވެހިކަލެވެ.
މީގެ އިތުރުން ޓެކްސީ/ޕިކަޕު ހިދުމަތް ދިނުމަށް ކޮންމެ ސެންޓަރަކަށް 10 ފާސް ދޫކުރާނެ އެވެ. ޓެކްސީތައް ހުންނަން ޖެހޭނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށެވެ. އެ ގޮތަށް ހުރޭތޯ ފުލުހުން ބަލާނެ އެވެ. އަދި އުސޫލަށް ނުފެތޭނަމަ ހުއްދަ ކެންސަލް ކުރާނެ ކަމަށްވެސް ބުންޏެވެ.
ފުލުހުން ވަނީ ފެރީގެ ހިދުމަތާއި ޕަބްލިކް ޓްރާސްޕޯޓްގެ ހިދުމަތްވެސް ރޭގަނޑު 10:30 ގައި ހުއްޓާލުމަށް އަންގާފައެވެ.
މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ޕޮލިސްގެ ޕާމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދުމަށް މިއަދު ވަނީ ފުރުސަތު ހުޅުވާލާފައެވެ. ފުލުހުން ބުނީ މަނާ ގަޑީގައި ހުއްދަ ދެވޭނެ ކަންކަމަކީ އިމާޖެންސީ ކަމެއްގައި ނުވަތަ ޑިއުޓީއަށް ދިއުމަށާ މަސައްކަތަށް ދިއުމާއި އައުމަށް އަދި އެއާޕޯޓް ޓްރާންސްފާ އަދި ކާބޯތަކެތި ޑެލިވާކުރުމަށް ކެފޭ/ރެސްޓޯރެންޓުތަކަށް ކަމަށެވެ.
ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުން ކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް police.gov.mv/permit ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ވަނީ އެދިފައެވެ. ޕޮލިސް ޕާމިޓް ސެންޓާ އަށް ގުޅޭނެ ނަންބަރަކީ 1665 އެވެ.