ފުވައްމުލައް ސިޓީން ކޮވިޑް-19 އަށް އިތުރު 8 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ. މިހާތަނަށް އެ ސިޓީން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 22 އަށް އަރާފައެވެ.
ކޮވިޑްގެ ދެ ކޭސް އަންގާރަ ދުވަހު އެ ސިޓީން ފެނުނު ނަމަވެސް އޭގެ ތެރެެއިން އެކެއްގެ ސާމްޕަލް އަލުން ނަގާ ޓެސްޓް ކުރުމުން ވަނީ ނެގެޓިވްވެފައެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި މީހަކީ ޑުބާއިން އައިސް ފުވައްމުލައް ސިޓީގައި ކަރަންޓީނުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓެއް ކަމަށެވެ. އަދި ޕޮޒިޓިވް ކޭސްއާ ގުޅިގެން އިތުރު ބައެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުން އިތުރު 12 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ފަހުން 8 މީހަކު ޕޮޒިޓިވްވިއެވެ. އެހެން ކަމުން ފުވައްމުލަކުން ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 22 އަށް އަރާފައެވެ.
ނަމަވެސް އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ ހިމެނޭހެން ފަސް މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. އެކްޓިވް ކޭސްގެ އަަދަދަކީ 17 އެވެ. އެކަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ޕޮޒިޓިވް ކޭސްތަކާ ގުޅިގެން 620 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި 547 ގެެއެއް ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.
މިހާތަނަށް އެ ސިޓީން 329 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބޭ 71 ސާމްޕަލްވެއެވެ.
އެ ރަށުގައި ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޗްޕީއޭއިން ވަނީ އަޅާފައެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ރޭގަނޑު 8 ކުން ފަތިހު 4އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ. ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލަންވެސް ވަނީ އަންގާފައެވެ.
އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން މަނާކޮށް ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދު ކުރަން ވަނީ އަންގާފައެވެ. ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް އަދި ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުންވެސް ވަނީ ހުއްޓާލާފައެވެ. ހޮޓާ/ކެފޭ، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ ހަތް ދުވަހުގެ މުއްދަތަށެވެ.