ދިރާގު

ދިރާގު ޕޯސްޓްޕެއިޑް ޕްލޭން އަމިއްލަ އަށް ތައްޔާރު ކޮށްލުމުގެ ފުރުސަތު

ދިރާގުން ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ޕްލޭން އަމިއްލައަށް ކަސްޓަމައިޒް ކޮށްލުމުގެ ފުރުސަތު ދީފި އެވެ.

ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުން ބޭނުން ކުރާ ޕްލޭން އަމިއްލައަށް ތައްޔާރު ކޮށްލެވޭ ފުރުސަތު ދިނުމާއެކު "ދިރާގު މޮބައިލް އެޕް" މެދުވެރިކޮށް ޕްލޭން ކަސްޓަމައިޒް ކޮށްލުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ.


"އަމިއްލަ ޕޯސްޓްޕެއިޑް" ގެ ނަމުގައި ދޭން ފެށި މި ހިދުމަތް ލޯންޗް ކުރަން ރޭ ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފަ އެވެ.

ދިރާގުން ވަނީ "ވެލިއު ޕްކެސް" ތަކެއް ވެސް ތައާރަފުކޮށްފަ އެވެ. މި ވެލިއު ޕެކްތަކުގައި އާއްމުކޮށް ދިވެހިން ބޭނުން ކުރާ ސޯޝަލް މީޑިއާ އާއި މުނިފޫހިފިލުމުގެ ސައިޓުތައް ހިމެނެ އެވެ. އެގޮތުން ކަސްޓަމަރުން ފޯނު ބޭނުންކުރާ ނިސްބަތުގެ މައްޗަށް ވެލިއު ޕެކެއް ހިޔާރު ކުރުމުގެ ފުރުސަތު ލިބެ އެވެ.

މި ވެލިއު ޕްކެސްތަކުގެ ތެރޭގައި ޗެޓާއި ސޯޝަލް މީޑިއާ އަދި ވޮއިސް އާއި ޑޭޓާ އަދި ސްޓްރީމިން އާއި އެޑްއޮންސް ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އާއި ނެޓްފްލިކްސް އަދި އެމޭޒަން ޕްރައިމްގެ އިތުރުން ޔޫޓިއުބް އަދި ޓިކްޓޮކަށް ވެސް ހިމެނެ އެވެ. އަދި ރާއްޖެ އިން ބޭރަށް ގުޅާ ކަސްޓަމަރުންނަށް ހާއްސަކޮށް އައިޑީޑީ ވެލިއު ޕެކްސް ވެސް ހިމެނެ އެވެ.

ދިރާގުން މި ބަދަލު ގެނެސްފައިވަނީ ކަސްޓަމަރުން އެކަމަށް އެދެމުންދާތީ އެވެ.

އެ ކުންފުނީގެ މެނޭޖަރު ކޮންސިއުމާ ޕޯސްޓްޕެއިޑް އެފްބީބީ ޖަނާ އިބްރާހިމް ވިދާޅުވީ ކަސްޓަމަރުންނަށް ރަނގަޅު މޮބައިލް ތަޖުރިބާއެއް ހޯދައިދިނުމުގެ ގޮތުން ކަސްޓަމަރުންގެ ފީޑްބެކް އަބަދު ވެސް އަޑުއަހައި ކަސްޓަމަރުންގެ މޮބައިލް ޔޫސޭޖް ބިހޭވިޔާ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ހޯދުންތަކުން ދައްކާގޮތުގައި ފަސޭހަކަމާއެކު އަމިއްލަ އަށް މޮބައިލް ޕްލޭންތައް އެ ކަސްޓަމަރަކު ބޭނުންވާ ގޮތަކަށް ޕާސަނަލައިޒް ކޮށްލުމަކީ ވަރަށް ގިނަ ކަސްޓަމަރުންގެ އެދުމެއް. އެގޮތުން މިހާރު ދިރާގު އަމިއްލަ ޕޯސްޓްޕެއިިޑަށް މިގެނައި އައު ފީޗާސްތަކާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މޮބައިލް ޔޫސޭޖް މެނޭޖްކޮށް، ދިރާގު ކަސްޓަމާ ސެންޓަރަކަށް ނުގޮސް ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ޕެކޭޖު ބަދަލު ކޮށްލެވޭނެ،" ޖަނާ ވިދާޅުވި އެވެ.

ދިރާގު ޕޯސްޓްޕެއިޑް ހިދުމަތަށް ބަދަލުތައް ގެނެސްފައިވަނީ ހޯމް ފައިބަ ބްރޯޑްބޭންޑާއި ބިޒް ފައިބަ ބްރޯޑްބޭންޑް އަދި ދިރާގު ޕްރީޕެއިޑް ޕްލޭން ތަކަށް ބޮޑެތި ބަދަލު ތަކެއް ގެނެސްފައިވާ ވަގުތެއްގަ އެވެ. ދިރާގުގެ އެކި އެކި ހިދުމަތް ތަކަށް ގެންނަމުންދާ ބަދަލުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.