ދުނިޔެ

ރެފިއުޖީންނަށް ހާއްސަ ފުރަތަމަ އޮންލައިން ޔުނިވަސިޓީ ޖަރުމަނުގައި

ބާލިން (އަލްޖަޒީރާ) - ރެފިއުޖީންނަށް ހާއްސަ ފުރަތަމަ އޮންލައިން ޔުނިވަސިޓީ ޖަރުމަނުގައި ގާއިމްކޮށްފިއެވެ.

މި ޔުނިވަސިޓީން ރެފިއުޖީންނަށް ހިލޭ މަތީ ތައުލީމު ހާސިލް ކުރެވޭނެއެވެ.

ކިރޮން ޔުނިވަސިޓީން އެތަނުގެ ވެބްސައިޓްގައި ބުނެފައިވަނީ އެ ޔުނިވަސިޓީން ކިޔެވުމަށް ދަރިވަރުންނަށް ހަމައެކަނި ބޭނުންވާނީ ކޮންޕިޔުޓަރަކާ ނެޓު ކަނެކްޝަންއެއް ކަމަށެވެ. ނެޓު ނުލިބޭ ފަރާތްތަކަށް އޮފްލައިންކޮށް ކިޔެވޭނެ ގޮތް ވެސް ހަމަ ޖައްސާފައިވެއެވެ. އެ ފަދަ މީހުން ހަމަ އެކަނި ޖެހޭނީ ނެޓު ލިބޭ ތަނަކުން ކޯސް ޑައުންލޯޑް ކުރާށެވެ.

މި ޔުނިވަސިޓީގައި އެންރޯލް ވުމަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އެމީހަކީ ރެފިއުޖީއެއްކަން ބަޔާންކޮށް އދ. ގެ ރެފިއުޖީންނާ ބެހޭ ޖަމިއްޔާއިން ދީފައިވާ ލިޔުމެއް ހިމެނެއެވެ.

ޖަރުމަނުގެ ބާލިންގައި ހުންނަ މި ޔުނިވަސިޓީ ހުޅުވީ މި މަހުއެވެ. ފަސް ދާއިރާ އަކުން އެއް ހާސް ކުދިން މިހާރުވެސް މި ޔުނިވަސިޓީގައި ކިޔަވަމުން ދެއެވެ. އަދި ފަނަރަ ހާސް ކުދިން މި ޔުނިވަސިޓީއަށް ވަނުމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވެއެވެ.

ކިރޮން ޔުނިވަސިޓީގެ އަމާޒަކީ ފުރަތަމަ އަހަރުގެ ތެރޭގައި ދިހަ ހާސް ކުދިންނަށް ކިޔެވޭނެ ގޮތް ހަދާދިނުމެވެ. މިއީ ހިލޭ ސާބަހަށް ކިޔަވައިދޭ ޔުނިވަސިޓީއެއް ކަމުން އެ ތަން ހިންގަނީ އެކި ފަރާތްތަކުން ދޭ އެހީގައެވެ. މިގޮތުން މިހާތަނަށް އެހީގެ ގޮތުގައި އެ ޔުނިވަސިޓީއަށް ލިބިފައިވަނީ ދެލައްކަ އެއްހާ ޑޮލަރެވެ.