އިލެކްޝަންސް ކޮމިޝަން

"އުނދަގޫތައް އެނގޭނީ ކޮމިޝަނަށް"

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގައި ދިމާވާ އުނދަގޫތައް އެންމެ ރަނގަޅަށް އެނގޭނީ އިންތިހާބު އިންތިޒާމްކޮށް އަދި ތަޖުރިބާ ކުރާ ފަރާތްތަކަށް ކަަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމާފައިވާއިރު އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮަތަށް އިންތިހާބު ބާއްވަން އުނދަގޫ ކަަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. ނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުޑަކުދިންހެން ބަހަނާ ނުދައްކައި އިންތިހާބ ބާއްވަން ކޮމިޝަނަށް ގޮވާލައްވައިފަ އެވެ.

މިއަދު އީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ރައީސް ނަޝީދުގެ ވާހަކަތަކަށް ސީދާ ރައްދެއް ދެއްވަން ދެކޮޅު ހައްދަވައި ފައެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ އެއްވެސް ޕްރެޝަރެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ކޮމިޝަންގެ ކަންބޮޑުވުންތައް ހިއްސާ ކުރެއްވި އެވެ.

އެގޮތުން އެންމެ ބޮޑު ކަމަކަށް ޝަރީފް ފާހަގަކުރެއްވީ އެޗްޕީއޭގެ ގައިޑްލައިން އޮތް ގޮތުން އިންތިހާބަށް އިދިކޮޅު ޕާޓީތަކަށް ކެމްޕޭން ކުރުމުގައި ހަމަ ހަމަ ފުރުސަތުތައް ނެތުމެވެ. އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ އެކަން ފާހަގަކޮށްފައެވެ.

"ގާނޫނުން އަޅުގަނޑުމެންނަށް އެބަ ލާޒިމްކުރޭ ކުރިމަތިލައިފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ހަަމަ ހަމަ ފުރުސަތު ލިބެން ޖެހޭނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ މިހާރުވެސް ކޮވިޑްކޭސްތައް ހުރި ރިސޯޓެއްގައި މަސައްކުރަމުންދާ އަދި ކައުންސިލް އިންތިހާބްގައި ވާދަކުރާ ދެ ކެންޑިޑޭޓުންނަށް އެ ރިސޯޓުން އެއް ރަށުން އަނެއް ރަށަށް ކެމްޕޭންކުރަން ނުދެވޭތީ އެކަން ހަމަޖައްސައި ދިނުމަށް އެދެމުންދާ ކަމަށެވެ.

"ދެން މީގެ ތެރޭގައި ވަރަށް އެހެން ކަަހަލަ ކަންތައްތައް ދިމާވެދާނެ ކަމަށް ލަފާކުރެވޭ. ސަބަބަކީ އިންތިހާބުގެ ކަންތަކުގައި ދިމާވާ އުދަނގޫތައް އެނގޭނީ އިންތިހާބު އިންތިޒާމްކުރުމާއި ތަޖުރިބާ ކުރާ ފަރާތްތަކަކަށް. ބަލަން ތިބޭ ބޭފުޅުންނަށް ހިތައް އަރާފާނެ މީ ވަރަށް ފަަސޭހަ ކަމެކޭ. ހަގީގަތުގައި އެއީ ވަރަށް ބޮޑެތި ގާނޫނީ ކަންތައްތައް" ޝަރީފް ވިދާޅުވި އެވެ.

އިންތިހާބުގައި ދިމާވާނެ އިތުރު އުނދަގޫތަކާއި ގުޅޭގޮތުން ޝަރީފް ވިދާޅުވީ އިންތިހާބުގައި ވޯޓުލާ މަރުކަަޒަށް މީހުން ވެއްދޭނީ ތިން ފޫޓް ދުރުގައި ތިއްބައިގެން ކަަމަށެވެ. އަދި އެ އުސޫލުގެ ތެރެއިން އޮފިޝަލުންނާއި ނުލައި އެ މަރުކަޒެއް ވެއްދޭނެ މީހުންގެ އަދަދާމެދު ސުވާލު އުފެދޭ ކަމަށެވެ. އެ އުސޫލުގެ ތެރެއިން އަމީނިއްޔާ ނުވަތަ އިސްކަންދަރު ސްކޫލްގައި ވޯޓުލާ މަރުކަޒެއް ގާއިމްކޮށް ތިން ފޫޓު ދުރު މިނުގައި ބެހެއްޓޭނީ ތިން ހަތަރު ގޮނޑިކަމަށް ޝަރީފް ވިދާޅުވިއެވެ.

"އެތަނަށް ވަންނަން އެބަތިބި އަޅުގަނޑު ގަބޫލްކުރާގޮތުގައި 8000 އޮބްޒާވަރުންނާއި މޮނީޓަރުންނާއި ކެންޑިޑޭޓުން
ކެންޑިޑޭޓުންގެ މަންދޫބުން 753 މަރުކަަޒަށް. އެހެންވީމާ އެއްވެސް ފަރާތަކުން އިންތިހާބުގެ ޔަގީންކަން ސައްހަކަން ދެފުށް ފެންނަކަން ޔަގީންކަމާއެކީގަ އޭނާއަށް ފެށުނީއްސުރެ ނިޔަލަށް އިންނާނެ ފުރުސަތު ނުލިބޭ ކަމަށް ވަންޏާ އޭނާއަކަށް ނުދެވޭނެ. އެއީވެސް އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް." ޝަރީފް ވިދާޅުވި އެވެ.