އެފްއޭއެމް

މާޔަންއަށް އެފްއޭއެމްއިން ހުރަސް އެޅިކަމަށް ބުނާ މައްސަލަ މަޖިލީހުން ބަލަނީ

އޭޝިއަން ފުޓްފޯލް ކޮންފެޑަރޭޝަންގެ ކޮންގްރެސްގެ އިންތިހާބުގައި ރާއްޖެއިން ވާދަކުރެއްވި މަރްޔަމް މުހައްމަދު (މާޔަން) އަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ހުރަސް އެޅިކަމަށް ކުރާ ތުހުމަތުތައް ބަލަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންގަފަވައިފަ އެވެ.

އެފްއޭއެމްގެ ފަރާތުން މާއިން ކުރިމަތިލެއްވީ އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑިއަށާއި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެމްބަރުގެ މަގާމަށެވެ. މާއިން އެއްވެސް ގޮނިޑއަަކަށް ހޮވިފައެއް ނުވެއެވެ.

މާއިން އެއްވެސް ގޮނިޑއަަކަށް ނުހޮވުނު އިރު އޭއެފްސީ އިންތިހާބަށް، އޭޝިއާގެ އޮލިމްޕިކް ކައުންސިލްގެ ރައީސް، ކުވައިތުގެ ޝައިހް އަހްމަދު އަލް ފަހްދު އަލް އަހްމަދު އަލް ސަބާހް ނުފޫޒު ފޯރުވިކަމަށް ބުނެ ފީފާގެ އެތިކްސް ކޮމިޓީއަށް މައްސަލަވެސް ހުށަހެޅި އެވެ. އެ މައްސަލައިގައި ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް
(ސީއޭއެސް) އިން ވަނީ މާއިންއަށް ތާއީދުކޮށްފިއެވެ. ނަމަވެސް އެ އިންތިހާބް އަލުން ކުރިއަށް ގެންދަން އަންގާފައެެއް ނުވެ އެވެ.

އިންތިހާބް އަލުން ބާއްވަން އަންގާފައި ނެތް ނަމަވެސް މާޔަންގެ އެތައް ކަންބޮޑުވުންތަކެއް ހުރިކަން މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު ވަނީ މިއަދުގެ ރިޔާސަތު ފައްޓަވަމުން ފާހަގަ ކުރައްވައިފަ އެވެ.

" މާޔަންގެ އެންމެ ބޮޑު ޝަކުވާއަކީ އޭނާ ތަމްސީލް ކުރި އެފްއޭއެމް. އެތަނުގެ ވެރިން އޭނާގެ އިންތިހާބުވުމަށް ހުރަސް އެޅިކަމަށް އޭނާ ކުރާ ޝަކުވާ. އޭނާ ދިޔައީ އެފްއޭއެމްގެ ފަރާތުން ކެންޑިޑޭޓެއްގެ ގޮތުގައި. އެހެން ނަމަވެސް އޭނާއަކަށް އެފްއޭއެމްގެ އެއްބާރުލުމެއް ލިބިފައިވާކަމަށް އޭނާ ސާފުކޮށްދީފައެއް ނުވޭ. " ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން އެކަން ހިނގާދިޔަ ގޮތް މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ބަލަން އަމީން އާންމުގެ އަރިހުން ރައީސް ނަޝީދު މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.