މީހުން

ސިޔާސީވުމުގެ ކުރިން ނިހާން: ކުރީގެ ހަނދާންތަކާއި ފަންނުވެރިކަން އަދި ލޯބި

އޭނާ އަކީ ބޮލީވުޑްގެ ތަރި، މަޝްހޫރު އަމީތާބު ބައްޗަންގެ ހާއްސަ ފޭނެކެވެ. އެންމެ ކުޑައިރުން ފެށިގެން އޭނާގެ ފިލްމުތައް ބަލަން ފެށި ގޮތަށް މިއަދު ވެސް އަމީތާބުގެ ފިލްމެއް ވައްޓައެއް ނުލައްވަ އެވެ. އާ ފިލްމެއް ނުކުމެއްޖެ ނަމަ އޭގެ ނަން ނޯޓްކޮށްލައްވައިގެން ގޮސް ވެސް އެ ފިލްމެއް ބައްލަވަ އެވެ.

އަމީތާބު މިހާތަނަށް ކުޅުނު ފިލްމެއް ވިއްޔާ އޭނާ ހުރީ އެ ފިލްމެއް ބަލައި، އެ ފިލްމެއްގައި ވާ ގޮތް ވެސް ހިތު ދަސްކޮށްފަ އެވެ. އޭނާ ވިދާޅުވާ ގޮތުން އެންމެ ގިނައިން ބެއްލެވުނު ފިލްމަކީ "ނަމަކް ހަލާލް" އެވެ.

އެހެންވީމަ، އަމީތާބުގެ މިހާ ބޮޑު ފޭނަކަށް، މަޖިލިސް މެމްބަރު، އަހުމަދު ނިހާން ހުސެން މަނިކުވެ ވަޑައިގެންނެވި ގޮތް އެނގޭ ހެއްޔެވެ؟

"އަޅުގަނޑު އަމީތާބުގެ ޝޯލޭ އޭނާ ބެލީ ވަރަށް ކުޑައިރު، މީހަކަށް ހަތަރު ކާށި ދީގެން. އެއީ ރަށުގައި. މާލޭގައި އުޅުނު މީހަކު ޓީވީއެއް ހިފައިގެން އަޅުގަނޑުގެ ރަށް، ތިނަދު އަށް ދިޔައީ. ދެން އޭނަގެ ކަމަކަށް އޮންނަނީ ކާށި އެއްކުރުން. އެހެންވީމަ ފިލްމު ބަލަން ލާރި ނުހުންނަ މީހުންނަށް ފިލްމު ބަލަން ވަދެވެނީ ކާށި ދިނީމަ،" ސިޔާސީވެ ވަޑައިގެންނެވުމުގެ މާ ކުރީގެ ހަނދާންތަކުން ފައްޓަވައިގެން ނިހާނު ވިދާޅުވީ މިހެންނެވެ.

އެހެންވީމަ، އަމީތާބާއި ނިހާނާ ދެމެދު އޮތް ލޯޔަލްޓީއާ މެދު ސުވާލުކުރާނެ ޖާގައެއް ވެސް ނެތެވެ.

"ދެން އަހަރެމެން ކުރާ ކަމަކީ ގޭގެ ބަދީގޭގައި އޮންނަ ކާށި ވެސް ވަގަށް ނަގައިގެން ގޮސް ދެނީ. އެތަން މިތަނުން ކާށި ހޮވުން އޮންނާނީ އޭރު ފިލްމެއް ބަލަން ބޭނުން ވެއްޖެ ނަމަ. އަދި ކާއްޓެއް ނުލިބިއްޖެ ނަމަ ބިއްގަނޑުގައި ލޯ ވަޅެއް އަޅައިގެން ނަމަ ވެސް ފިލްމު ބެލޭތޯ ބަލަން އަހަރެމެން."

ފަހަރެއްގައި މިހާރު މި ފެންނަން ހުރި ނިހާނަކީ އަމީތާބުގެ "އެންގްރީ ޔަންގް މޭން" ގެ ޝަހުސިއްޔަތެވެ. "އެންގްރީ ޔަންގް މޭން" އަކީ ވެސް ބަލިކުރަން ފަސޭހަ މީހެއް ނޫނެވެ. ނިހާނަކީ ވެސް ބަލިކުރަން ފަސޭހަ ފަރާތެއް ނޫނެވެ. އެއްގޮތެއް ނެތިއްޔާ އަނގައިން އެކަނި ވެސް ހިފަހައްޓަވަ އެވެ.

މިހާ ހިސާބުން ވަރަށް ކުރިއަށް ޖެހިލަމާ ހިނގާށެވެ.

ކުޑައިރު ރަށް ދޫކޮށް މާލެ ވަޑައިގެން ދިރިއުޅުމުގެ ހުރިހާ ބޭނުމެއް މާލެ އިން ފުދޭ މީހަކަށް ވެވަޑައިގެންފައިވީ ނަމަވެސް އޭނާގެ އެންމެ ކުލަ ހަނދާންތައް ވަޅުލެވިފައި ވަނީ އުފަން ރަށުގެ ފަސްގަނޑުގަ އެވެ.

ރަށުގައި އުޅުއްވިއިރު ވެސް އޭނާ އަކީ އަބަދުވެސް "ހަނދާ" ހަމަ އަށް ވިސްނުން ގެންދެވި ފަރާތެކެވެ.

"އޭރު އަބަދުވެސް ހިތަށް އަރަނީ ހޮރައިޒޮންގެ އެކޮޅު ކޮބައި ހެއްޔޭ؟ އެއީ ކޮން ތަނެއް ހެއްޔޭ؟ މާލެ އޮތީ ކޮންތަނެއްގައި ހެއްޔޭ؟ އެއީ ކުޑައިރު ރައްޓެހި ކުދިންތަކާ އެކު މޫދަށް އެރި މަޖާކުރި ދުވަސްތަކުގައި ބޮލު ތެރޭގައި އުފެދުނު އެންމެ ބޮޑު ސުވާލަކީ،" ކުރީގެ ހަނދާންތައް ކުލަކުރައްވަމުން ނިހާން ވިދާޅުވި އެވެ.

ނިހާނުގެ އާއިލާ އަކީ އޭރު ތިނަދޫގެ އާދައިގެ އާއިލާ އެކެވެ. އެ ބޭފުޅާގެ ބައްޕަ އަކީ މަސްވެރިޔެކެވެ. މަންމަ އަކީ މަކްތަބުލް އަހުމަދިއްޔާގެ ނަމުގައި އަމިއްލަ ސްކޫލެއް ގޭގެ ގޯތި ތެރޭގައި ހިންގެވި ހިތްވަރުގަދަ އަންހެނެކެވެ.

އާއިލާގެ އެންމެ ހަލަނި މެމްބަރަކީ ނިހާނެވެ. ފަހަރެއްގައި އޭނާގެ ކާމިޔާބީގެ ސިއްރަކީ ވެސް އެއީ އެވެ. ނިހާނު ވިދާޅުވާ ގޮތުން އޭނާ އަކީ ކުޑަކުއްޖެއްގެ ގޮތުގައި ވެސް ކަންކަން ހޯދައި ބެލުމަށް މަރު ދިން ފަރާތެކެވެ.

ކާފަގެ ގޭގައި ފޮރުވާފައި ހުރި ފޮއްޓަކަށް ވެސް އޭނާގެ ޝައުގުވެރިކަން ދަމައިގަތީ އެހެންވެ އެވެ. އޭގައި ހުރީ ކޯއްޗެއްކަން އެނގިވަޑައިނުގަންނަވަނީސް ލޮލު ފިޔައެއް ވެސް ޖެއްސެވޭ ގޮތެއް ނުވި އެވެ. އޭރު ހަތް އަހަރެވެ.

ކާފަގެ ފޮށި ރައްކާކޮށްފައި ހުރި ތަނަށް އޭނާ އެރީ ގޭގެ އެންމެނަށް ވަގަށެވެ. އެންމެފަހުން އެކި ދުވަސްމަތިން އެ ފޮއްޓާ ގާތްވަމުން ގޮސް އޭގެ މަތިގަނޑު އެއްލާލެއްވީ އެވެ.

"މި ފޮށި ރަނގަޅަށް ހުޅުވާލެވުނުއިރު ފޮށީގައި މި ހުރީ ފޮތްތަކެއް. މި ފޮތްތަކުގެ ތެރޭގައި މި ހިމެނެނީ ތަޝްދީރުލް އަޒުހާން، ދިންނަވާނެ މަގު، ތައުލީމުއްދިޔާނާ އެކެއް ދޭއް، ކީރިތި ރަސޫލާގެ ސިޔަރަތު. ދިވެހި ރާއްޖެ ހަނގުރާމައެއްގެ ވިލާގަނޑެއްގެ ދަށުގައި. ދެން ވެސް މުހައްމަދު އަމީން ދީދީގެ ދެ ފޮތެއް ވަރު،" ނިހާން ވިދާޅުވި އެވެ.

"ދެން އަޅުގަނޑު ހެދި ގޮތަކީ ގޭގެ އެއްވެސް މީހަކަށް މިކަން ނާންގައި ވަރަށް ވަގުވަގަށް މި ފޮތްތައް ފޮށިން ނަގައިގެން ތިރިއަށް ފޭބީ. އެ ފޮތްތަކަކަކީ ތާރީޚާއި އާންމު މައުލޫމާތު އެއްކުރުމަށް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށްވީ. އަޅުގަނޑު އެ ފޮތްތައް އަމިއްލަކޮށްލީ."

ނިހާނު ވިދާޅުވީ އާންމު މައުލޫމާތާއި ތައުލީމުގެ ތެރެއަށް އޭނާގެ ލޯ އެންމެ ބޮޑަށް ހުޅުވައިދިން ފޮތްތަކަކަށް ވާނީ ކާފަގެ އެ ކަލެކްޝަން ކަމަށެވެ. ހާއްސަކޮށް ސިޔަރަތެވެ.

ދަސްކުރުމުގެ މި ފޯރީގައި އޭނާގެ ފާހަގަކޮށްލެވޭ އެހެން ކަމެއް ވެސް އެބައޮތެވެ. ތިރީގައި މި އަންނަނީ އެވެ.

"ޖަޕާނު ގަހާއި ފިނިފެންމާ ގަހާއި މަތަރެސްމާ ފަދަ ގަސްތަކަށް އޭރު ރައްޓެހި ކުއްޖަކާ ބަދަލުކުރާނީ އޭރުގެ މަޝްހޫރު ނޫސްތައް. އޭގެ ގަހެއް ދިނީމަ އޭނަ ދޭނެ ނޫސް ބޮޑިވަރެއް. އެ ދުވަސްވަރުގެ ވަރަށް ގިނަ ލީޑަރުންގެ ނަންތައް ވެސް އަޅުގަނޑު ދަސްކުރީ އެގޮތަށް ހޯދި ނޫސްތަކުން،" ނިހާނު ވިދާޅުވި އެވެ.

އެންމެފަހުން އޭނާ މާލެ ގެންދެވީ އޭނާގެ މާމަ އެވެ. އަލަށް ހުޅުވި އިސްލާމީ މަރުކަޒުގެ ބޮޑު ކަމާއި ނަލަކަމުގެ ވާހަކަ އަޑުއިވިގެން، މަތިވެރިވެގެންވާ މި ބިނާ ދެކިލުމަށް އެދި ޝަކުވާކުރައްވާލެއް ބޮޑުކަމުންނެވެ.

މާލެ އައިތަނުން އޭނާގެ ދިރިއުޅުން ބަދަލުވީ އެވެ. އެއީ 1984 ވަނަ އަހަރެވެ.

އޭނާ މާލޭގައި ބެހެއްޓީ ރަށުގައި ބަސްނާހައި އުޅޭތީ އެވެ. ނަމަވެސް އުސޫލެއްގެ ދަށުން ބަސްއަހައި ނުކިޔެވިޔަސް ނިހާނަކީ އަބަދުވެސް "ބްރައިޓް ސްޓޫޑެންޓެކެވެ". މާލޭގައި އުޅުއްވި ގޭގައި "ޖެހުނު ހުރިހާ ކަމެއް ކޮށްގެން ކިޔެވިއިރު ވެސް" ގަދަ ވަނަތަކެވެ. އަދި އޯލެވެލް ނިންމާލިއިރު އޭނާ އަކީ ކުޅަދާނަ އާޓިސްޓެއް ވެސްމެ އެވެ.

އޭނާ އަރައި ހުންނެވީކީ ކުރެހުމާއި ޑިޒައިންކުރުމުގައި އެކަންޏެއް ނޫނެވެ. މިއުޒިކް ކުޅުއްވުމަށާއި ލަވަ ވިދާޅުވުމަށް ވެސް އޭނާ ވަރެއް މަޖިލީހުގައި ނެތޭ ބުނެވިދާނެ އެވެ. އޭނާގެ ބޭންޑަކީ ކުރީގެ "ރެޒޮނެންސް" އެވެ. މިހާރު ކަރޯކޭ ޖައްސަވަނީ ގޭގަ އެވެ.

"އާމްދަނީލިބޭ ފުރަތަމަ މަސައްކަތަކީ ކުރެހުމާއި ޑިޒައިން. ކުރެހުމުން ހުންނާނެ ވަރަށް ލާރި ލިބިފައި. ސްކޫލް ނިންމާލާފައި ރަސްމީކޮށް ފެށި މަސައްކަތަކީ ވެސް ކުރެހުމާއި ޑިޒައިނިންގެ މަސައްކަތް،" ނިހާނު ވިދާޅުވި އެވެ.

ޓީޝާޓް ޕްރިންޓިން އިން ފެށިގެން ފަސް ހަ ބުރީގެ އިމާރާތްތައް ވެސް އޭނާ ކުރަހައި ދެއްވާފައި އެބަހުއްޓެވެ. ވަރަށް ފަހަކާ ޖެހެން ދެން ދަރުބާރުގޭގައި ހަރުކޮށްފައި ހުރި ޖުމްހޫރިއްޔަތުގެ ނިޝާނަކީ ވެސް އޭނާ ލަކުޑިން ތައްޔާރުކުރައްފާވައިވާ މަސައްކަތެކެވެ.

"ޕެއިންޓް ގާޑެން" އަކީ ނިހާންގެ ކުރަހާ ސްޓޫޑިއޯ އެވެ.

ކުރެހުމުގެ ތެރޭގައި އުޅުއްވަމުން ގޮސް ދެން އޭނާ ބަދަލުވީ ރިސޯޓް ވަޒީފާއަކަށެވެ. ފަރުކޮޅު ފުށީގެ އެސިސްޓަންޓް ހިއުމަން ރިސޯސަސް މެނޭޖަރެއްގެ މަގާމަށެވެ.

މިއީ އޭނާގެ ހަޔާތުގެ އަނެއް ހުވަފެން ހަގީގަތަކަށް ވި ހިސާބެވެ. ފުރަތަމަ ހުވަފެނަކީ މާލެ އޮތްތަން އެނގިވަޑައިގަތުމެވެ.

ރަށުގައި އުޅުއްވިއިރު އޭނާ އަބަދުވެސް އެންމެ ބޮޑަށް ވިސްނެވީ ރަށުން ބޭރާ މެދުގަ އެވެ. ދެން އެންމެ ބޮޑު ހައިރާންކަމެއް ލިބިވަޑައިގަތީ ބަޔަކު މީހުން ހަނދަށް ދިޔަ ވާހަކައެއް މީހަކު އޭނާ ގާތު ބުނުމުން އެ ވާހަކައާ މެދުގަ އެވެ.

އެ ވާހަކައެއް އަޑުއިވުނު ހިސާބުން ފެށިގެން އޭނާ ހުންނެވީ ހަނދަށް ދިޔަ ބަޔަކާ ވެސް ބައްދަލުކުރެއްވޭނެ ކަމުގެ އުއްމީދުގަ އެވެ. އޭނާގެ މި އުއްމީދު ހަގީގަތަށްވީ ފަރުކޮޅު ފުށިންނެވެ.

"އެހެން ހުއްޓައި އަޅުގަނޑާ މި ދިމާވީ ބަޒް އަލްޑްރިންއާ. އަޅުގަނޑަށް ޖެހުނީ އޭނާގެ ލެޕްޓޮޕަށް އިންޓަނެޓް ލިބޭ ގޮތް ހަދައިދޭން. އެކަމަކު އެ މަސައްކަތް ނިމުނުއިރަކު ވެސް އަޅުގަނޑަށް ނޭނގޭ އަދި ގާތުގައި ހުރީ ކާކުކަމެއް. ކޮން ފެންވަރެއްގެ މީހަކަށް ކަމެއް އިންޓަނެޓް މި ގުޅައި ދެވުނީ،" ނިހާނު ވިދާޅުވި އެވެ.

"ދެން އޭނާ ދިއްކޮށްލީ އޭނާގެ ކާޑު."

ނިހާނާ ބަޒް ދިމާވީ އޭރުގެ ކްލަބް މެޑްގެ ރައީސްގެ ހާއްސަ ދައުވަތަކަށް ބަޒް އޭނާގެ ޔޮޓް ދޫކޮށް ހަތަރު ގަޑިއިރަށް ފަރުކޮޅު ފުށީގައި މަޑުކޮށްލި ތަނުންނެވެ.

ނިހާނުގެ ކައިވެންޏަށް މިހާރު 17 އަހަރުވީ އެވެ. ނުވަ ދިހައިގެ ކުރީކޮޅުން ފެށިގެން ފޮޅުވި މާތައް އަދިވެސް މިލައިގެނެއް ނުދެ އެވެ. މިހާ ގިނަ ދުވަސް ވަންދެން ދެ ހިތެއް އެއް ގޮތަކަށް ދެމި އޮންނާނީ އޭގެ ފަހަތުގައި ވަރަށް ވެސް މޮޅު ފޯމިއުލާއެއް އޮތީމަ ނޫން ހެއްޔެވެ؟

ނަމަވެސް ނިހާނު ވިދާޅުވަނީ އެފަދަ މޮޅު ފޯމިއުލާއެއް ނެތް ކަމަށެވެ.

"އަޅުގަނޑަކީ މާ ގިނަ ކަންކަމެއް ސެލެބްރޭޓް ވެސް ކުރާ މީހެއް ނޫން. އަންހެނުންނަށް އެންމެ ކުޑަމިނުން އަނގޮޓިއެއް ވެސް ގަނެދިނީ 17 އަހަރު ފަހުން. ލާރި ވެސް ނުލިބެނީކީ ނޫން،" ނިހާން ވިދާޅުވީ މިހެންނެވެ.

އެހެންވީމަ ލޯތްބަކީ ފައިސާއިން ގަނެލެވޭނެ އެއްޗެއް ނޫންކަން އެނގިއްޖެތާ އެވެ. ނިހާނު ވެސް ވިދާޅުވަނީ މާ ބޮޑަށް ހޭދަކުރުމަކީ ހަމަ ބޭކާރު ކަމެއް ކަމަށެވެ.

"އެތައް ބައެއްގެ ކައިވެނި ކާޑުތައް ޑިޒައިންކޮށް ޕްރިންޓް ވެސް ކޮށްދިން މީހެއް އަޅުގަނޑަކީ. އެކަމަކު އަޅުގަނޑުގެ އަމިއްލަ ކައިވެންޏަށް އެންމެ ކުޑަ މިނުން ކާޑެއް ވެސް ތާއްޔާރެއް ނުކުރަން އަދި ޕާޓީއެއް ވެސް ނުބާއްވަން،" ނިހާން ކިޔައި ދެއްވި އެވެ.

"އޭރު ވެސް ގަބޫލުކުރެވިފައި އޮތީ އެއީ ބޮޑު ވޭސްޓެކޭ. އެގޮތަށް ޖަލްސާ ވަލީމާތައް ބާއްވާއި ފޯރި އަރުވައިގެން އަހަރެމެންނާ އެކު ކައިވެނިކުރި އެތައް ބައެއްގެ ކައިވެނިތައް ގޮސްފި ރޫޅިގެން. އަޅުގަނޑުމެން އަދިވެސް މި ތިބީ."