މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ސަލާމަތް ކުރުމަށް އެކުލަވައިލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭންގެ ދަށުން، ވަށައިޖެހޭ ފަރުވާގެ ނިޒާމެއް ގާއިމުކޮށް، އެފަދަ މީހުން އަނބުރާ މުޖުތަމައަށް ގެނައުމަށް ބޭނުންވާ ތައުލީމާއި ތަމްރީނުގެ ޕުރޮގުރާމުތައް ހިންގުމަށް ލ. ކަޅައިދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ މަރުކަޒުގެ މަަސައްކަތް އަވަހަށް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހް އެދިވަޑައިގެންފި އެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ކަޅައިދޫގައި އިމާރާތްކުރަން ހަމަޖެހިފައިވާ މަރުކަޒުގައި ކުރިއަށްގެންދަން ރާވާފައިވާ ޕުރޮގުރާމުތަކާ އެ ތަން އިމާރާތް ކުރުމަށް ހިނގާނެ ހަރަދާ މަރުކަޒާ ގުޅޭ އިދާރީ ކަންކަން ރާވާ ހިންގާނެ ގޮތާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކާއެކު މިއަދު ބޭއްވެވި ބައްދަލްވުމުގައެވެ.
މި ބައްދަލުވުމުގައި މި މަރުކަޒާ ގުޅޭގޮތުން ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް ހަރުދަނާ ޒުވާނުންގެ ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މި މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.