ހަބަރު

އިދިކޮޅު ވެރިކަމެއްގަ ކަލައިދޫ އާއި ދަނބިދޫ ގުޅުވާލަދޭނަން: އިބޫ

އިދިކޮޅު ވެރިކަމެއް ގާއިމްވެއްޖެނަމަ، ކަލައިދޫ އާއި ދަނބިދޫ ގުޅާލަދޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވެއްޖެ އެވެ.

އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ، އިދިކޮޅުގެ ކެމްޕެއިންގެ ޝިޔާރަކީ އިންސާފުގެ މަގަށް ގައުމު ޖަޒީރާ ރާއްޖެއަކަށް ގެންދިއުން ކަމަށާއި އިދިކޮޅު ފަރާތްތަކުން ނިކުންނަނީ ޖަޒީރާވަންތަ ރާއްޖެއެއް ގޮތުގައި ތަރައްގީ ކުރުމުގެ ސިޔާސަތަކާ އެކުގައި ކަމަށެވެ.

"އިދިކޮޅު މެނިފެސްޓޯގައި ޖަޒީރާވަންތަ ތަރައްގީއެއް ގެންނައިރު އެއްފަޅުގައި، ކައިރީގައި ހުރި ރަށްތައް ގުޅުވާލަދޭނެ ވާހަކަ އޮންނާނެ، އެ މަޝްރޫއުގެ ތެރެއިން އެ ސިޔާސަތުގެ ތެރެއިން މިރަށާ ކައިރީގައި މިއޮތް ދަނބިދޫ އަކީ މިރަށާ ގުޅުވާލަދޭނެ ރަށެއްކަން ދަންނަވަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ކޮންމެ ރަށަކަށް ވަޑައިގެން އެރަށަކަށް އިދިކޮޅުގެ ވެރިކަމެއްގައި ކޮށްދޭނެ ކަންކަން ހާމަކުރަމުން ގެންދާ ކަމަށާއި އެބޭފުޅުން ވަނީ ހުސް ވައުދުތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ވައުދުތައް ވަނީ އެކަން ކުރެވޭނެ ފައިސާއާ މާލީ ގޮތުން އެ ފައިސާ ލިބޭނެ ގޮތްތައްވެސް ދިރާސާ ކުރުމަށްފަހު ކަމަށެވެ.

"އެގޮތުން މިރަށަށްވެސް ކޮށްދޭނެ ކަމަށް އަޅުގަނޑުމެން ބުނާ ކަންތައްތަކަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެރިކަމެއްގައި ކޮށްދެވޭނެ ކަންކަން، ތިބޭފުޅުން ޔަގީން ކުރައްވާ،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިދިކޮޅު ސަރުކާރުން ކޮށްދޭ ކަންތައްތަކުގެ ތެރެއިން އިސްދޫ ބަނދަރު މަރާމާތު ކުރެވި ބޮޑު ކުރެވިގެންދާނެ ކަމަށެވެ. އަދި އިސްދޫ ކަޅައިދޫ ބޮޑު މަގު އިދިކޮޅު ސަރުކާރެއްގައި ހަދައިދޭނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

"މާނައަކީ ރަށުގައި ތިޔަ ބޭފުޅުން އިންތިހާބުކުރާ ކައުންސިލަށް ރަށުގެ ކަންތައްތައްް ބަލައި، ރައްޔިތުންނަށް ބޭނުންވަނީ ކޮން ކަންތައްތަކެއްތޯ ހޯދައި އަދި އެކަންތައްތައް ވީހާވެސް އަވަހަކަށް ކޮށްދެވޭނެ މަގު އަޅުގަނޑުމެން ފަހިކޮށްދޭނަމޭ، އެގޮތުން ގާނޫނީ ގޮތުން ލިބެން ޖެހޭ ބާރާއި މާލީ ގޮތުން ލިބެން ޖެހޭ ފުދުންތެރިކަން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމެއްގައި ރަށްރަށަށާއި ކައުންސިލްތަކަށް ފުއްދަ ދޭނަން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، އިސްދޫ އަދި ކަލައިދޫއަކީ ރަށުގައި ތިބެ އާންމުދަނީ ހޯދާ ދެރަށް ކަމަށާއި އެދެރަށުގައި ބޭންކިންގެ ހިދުމަތް ވެރިކަމާ ހަވާލުވާއިރަށް ކުރާނެ ކަމަށެވެ. އަދި ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކަމާއެކު ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ މުޅި ރާއްޖެއަށް ލޯކަލް ޓޫރިޒަމާއި ރިސޯޓް ޓޫރިޒަމް ފެތުރުމުގެ ތެރޭގައި މިދާއިރާއަށްވެސް އޭގެ ރަނގަޅު ފައިދާ ލިބިގެންދާނެ،" އިބޫ ވިދާޅުވި އެވެ.