ބިޒްނަސް ސެންޓާ ކޯޕަރޭޝަން

ސަރުކާރުގެ އާ ޓީވީ ޗެނަލަށް މީހުން ނަގަން ފަށައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވަން އުފެއްދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ފަށާ، ސަރުކާރުގެ އާ ޓީވީ ޗެނަލް މޯލްޑިވްސް ބިޒްނަސް ނެޓްވޯކް (އެމްބީއެން) އަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ ޗެނަލްގެ ވަޒީފާތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މި މަހުގެ ކުރީ ކޮޅު ލައިސަންސް ދިން އެ ޗެނަލުން ހުޅުވާލި ވަޒީފާތަކުގެ ތެރޭގައި އެންމެ ސީނިއާ ލެވަލްގެ ވަޒީފާތަކުން ފެށިގެން ގޮސް ޖާނަލިސްޓުންނާއި ކެމެރާމަނުންނާއި ޓެކްނީޝަނުންގެ ވަޒީފާތައް ހިމެެނެ އެވެ.

އެގޮތުން ޑިރެކްޓާ ޖެނެރަލަކާއި ތިން ޕްރޮޑިއުސަރުންނާއި ދެ ޖާނަަލިސްޓަކާއި ވީޑިއޯ ޓެކްނީޝަނަކާއި ކެމެރާމެނެއްގެ ވަޒީފާ ވަނީ ހުޅުވާލައިފަ އެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހާ ހަމައަށް ދީފައި ވެއެވެ.

އިކޮނިމިކް މިނިސްޓްރީގެ ދަށުގައި އޮންނަ ބީސީސީ ގެ ޓީވީ ޗެނަލް ފަށަން ބޭނުންވާ ފަންޑު ހޯދާފައި ވަނީ ވޯލްޑް ބޭންކު މެދުވެރިކޮށެވެ.
މި ޗެނަލް ފަށާއިރު މިހާރު ވެސް ދައުލަތުން ކޮންމެ އަހަރަކު 140 މިލިޔަން ރުފިޔާއަށްވުރެ ބޮޑު ބަޖެޓެއް ދޭ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމްގެ) އޮވެ އެވެ. އަޑާއި ޓީވީ އޮންލައިން ހިމެނޭ ގޮތަށް ގިނަ ޗެނަަލްތަކެއް ހިންގާ ޕީއެސްއެމުން ދައުލަތުގެ ބަޖެޓާއެކު އާންމު ވިޔަފާރި އިސްތިހާރުތަކުގެ ބޮޑު ބައެއް ވެސް ބޮޑު އަގުގައި ނަގަ އެވެ. ސަރުކާރުން އިތުރު ޗެނަލެއް ހަދަނީ ވެސް ހަމަ އެ އުސޫލަށެވެ. އެހެންވެ މި ކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

އެ ފާޑުކިޔުންތަކާ ގުޅޭގޮތުން ސަރުކާރުން ބުނީ މިހާރު އޮންނަ ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޕީއެސްއެމްގެ ޗެނަލްތަކުން މާބޮޑު ސަމާލު ކަމެއް ނުދެވޭ ކަަމަށާއި ސަރުކާރުގެ އާ ޗެނަލްއާއެކު ކުދި ވިޔަފާރިތަކަަށް އެކިއެކި މައުލޫމާތު ފޯރުކޮށްދީ އެ ވިޔަފާރިތައް ކުރިއަރައިގެން ދާނެ ކަމަށެވެ.

ބީސީސީން ބުނާ ގޮތުގައި ރާއްޖޭގެ އިގްތިސޯދާއި ވިޔަފާރިތަކަށް ހާއްސަ އެ ޓީވީ ޗެނަލްގެ ކޮންޓެންޓުގައި ވިޔަފާރިއާ ގުޅުންހުރި ތައުލީމީ ޕްރޮގްރާމްތަކާއި މައުލޫމާތު ފޯރު ކޮށްދިނުމުގެ ޕްރޮގްރާމްތަކުގެ އިތުރުން ވިޔާފާރިއާއި ޓެކްނޮލޮޖީ އަދި ކުޅިވަރު އަދި ވިޔަފާރިއާ ގުޅުންހުރި މުނިފޫހިފިލުވުގެ ޕްރޮގްރާމްތައް ވެސް ހިމެނޭނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އުފެއްދި ބީސީސީން މިހާރު ވެސް ދަނީ ޑިއުޓީފްރީ އާއި ހުޅުމާލޭގައި ދިވެހި އުފެއްދުންތައް ވިއްކަން ފިހާރަ ވެސް ހިންގަމުން ނެވެ.