އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި އިންޑިއާއާ ދެމެދު ސޮއި ކުރައްވާފައިވާ އެއްބަސްވުންތައް ބަދަލުކޮށްފި އެވެ.
ދެ ގައުމުގެ މެދުގައި މިއަދު ބަދަލު ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖެއަށް އިތުރު 100،000 ކޮވިޑް ޝީލްޑް ވެކްސިން ޑޯޒް ހަދިޔާކުރުން ހިމެނެ އެވެ. އެއާއެކު އިންޑިއާއިން ރާއްޖެއަށް ލިބުނު ވެކްސިންގެ އަދަދު ދެ ލައްކަ ޑޯޒްއަށް އަރާނެ އެވެ.
ދެން ބަދަލުކުރި އެއްބަސްވުމުގެ ތެރޭގައި ބްރޯޑްކާސްޓިން ދާއިރާ ހަރުދަނާ ކުރުމަށް ރާއްޖޭގެ ޕަބްލިކް ސާވިސް މީޑިއާއާ އިންޑިއާގެ ޕްރަސާރު ބާރުތީއާ ދެމެދުވި އެއްބަސްވުން ހިމެނެ އެވެ. ޕްރަސާރު ބާރުތީއަކީ އިންޑިއާގެ ސަރުކާރުގެ އެންމެ ބޮޑު އެއް ބްރޯޑްކާސްޓިން އޭޖެންސީ އެވެ.
އޭގެ އިތުރުން 2011 ވަނަ އަހަރު އިންޑިއާއިން ދިން 40 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ދޭ އިތުރު އެހީ ހިމެނެ އެވެ. އެ އެހީ ބޭނުންކުރަން ނިންމާފައިވަނީ މަގުތައް އިތުރަށް ތަރައްގީ ކުރުމަށެވެ.
ފަހި ދިިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭގައި ހަދާ 2000 ހައުސިން ޔުނިޓް ހެދުމާ ގުޅޭގޮތުން އިންޑިއާގެ އިމްޕޯޓް އެކްސްޕޯޓް ބޭންކާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންވެސް މިއަދު ބަދަލު ކުރި އެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 130 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކް އިން ވަނީ ނަގާފަ އެވެ. މި ލޯނު ފާފުދާލަށް ދީފައި ވަނީ ދިވެހި ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެންނެވެ.
ދެން ބަދަލުކުރި އެއްބަސްވުމުގެ ތެރޭގައި ދެމެހެއްޓެނިވި ތަރައްގީގެ ދަށުން ކުނި މެނޭޖްކޮށް ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސޮއިކޮށްފައިވާ އެއްބަސްވުން ހިމެެނެ އެވެ. އަދި ނ. ކެނދިކޮޅުދޫގައި ގޭ ދޮށު މަސްފެކްޓްރީއެއް އެޅުމަށް އިންޑިއާއާއި ރާއްޖެއާ ދެމެދު ކޮށްފައިވާ އެއްބަސްވުން ހިމެެނެ އެވެ.
ކުޅިވަރުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށް 40 މިލިއަން ޑޮލަރުގެ އެހީއެއް އިންޑިއާއިން ރާއްޖެއަށް ދޭން ނިންމިކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މިއަދު ވަނީ ހާމަކުރައްވައިފަ އެވެ.