ހަބަރު

އިންޑިއާއިންދޭ 100 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގްރޭޓަރ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ދިނުމަށް ނިންމި 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ގައި މިއަދު ސޮއިކޮށްފި އެވެ.

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުއަށްވާނެ އެވެ. މި ޕްރޮޖެކްޓްގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ގުޅާލުމަށް ޖުމްލަ 6.7 ކިލޯމީޓަރުގެ ބްރިޖެއް ކޯޒްވޭތަކާއެކު ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި އިންޑިއާ ސަރުކާރުން ދިނުމަށް ނިންމި 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީއާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން ގައި ވަނީ ސޮއިކޮށްފައެވެ.

ރާއްޖެއިން ސޮއިކުރީ މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އިންޑިއާ ސަރުކާރުން ސޮއިކުރީ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ އެވެ.

ތިލަ-މާލެ ބްރިޖު އަޅަން އިންޑިއާ އިން 400 މިލިއަން ޑޮލަރުގެ ލޯނެއްވެސް ސަރުކާރުން ވަނީ ނަގާފައެވެ. އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ އިންޓްރެސްޓް ރޭޓްއަކީ 1.5 ޕަސެންޓެވެ. މި ލޯން ދައްކަން 20 އަަހަރު ލިބޭނެއެވެ. މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖަށް، އިންޑިއާ އިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.

މިއަދު ވަނީ އިތުރު އެއްބަސްވުންތަކެއްވެސް ގާއިމްކޮށްފައެޗެ. އެ ގޮތުން އެމްއޯޔޫ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒްގެ ދަށުން ރާއްޖޭގެ އެތުލީޓުންނާއި ކޯޗުންނަށް ތަމްރީނު ފުރުސަތުތައް ހޯދައިދީ، ތަޖުރިބާ ހޯދުމަށް މަގުފަހިވާނެ އެއްބަސްވުމެއް ވަނީ ގާއިމްކޮށްފައެވެ.

އަދި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ ދަށުން ރާއްޖޭގައި ހިންގާ ދެ މަޝްރޫއަކާ ގުޅޭ އެމްއޯޔޫ އެއްވެސް ގާއިމްކުރިއެވެ. މި ދެ މަޝްރޫއަކީ ހދ ހަނިމާދޫގައި އެގްރިކަލްޗަރަލް ރިސާޗް ސެންޓަރެއް ހެދުމާއި އައްޑޫ ސިޓީ ހުޅުދޫގައި ގާއިމްކުރާ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރު ތަރައްގީ ކުރުމުގެ މަޝްރޫއެވެ. މި އެމްއޯޔޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗަރަލް ސެންޓަރު ހެދުމަށް 1،711،434.60 މިލިއަން ރުފިޔާ އަދި ހުޅުމީދޫ ޑްރަގް ޑީޓޮކްސް ސެންޓަރުގެ މަސައްކަތަށް 7،980،563.69 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.