ރައްޔިތުންގެ މަޖިލިސް

އުތުރު ތިލަފަޅުގެ އެއްބަސްވުން: މައްސަލައި ބަހުސް ފަށައިފި

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާ އާއެކު އިއްޔެ ރާއްޖެއިން ހެދި އެއްބަސްވުމުގެ ތަފްސީލް ހޯދުމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި އެވެ.

އެ މައްސަލަ މަޖިލީހަށް މިއަދު ހުށަހެޅުއްވީ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު ޝިޔާމް އެވެ.

އުތުރުތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑުގެ އެއްބަސްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ދެ ގައުމުން އިންޑިއާގައި ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ އެއްބަސްވުމެކެވެ. ނަމަވެސް އެ ބަނދަރުހަދަން އެއްބަސްވުމުގައި ސޮއިނުކުރީ އެކަމުގައި އިންޑިއާއިން ކުރިމަތިކުުރުވި ޝަރުތުތަކުގެ ސަބަބުން އެއީ ގައުމީ ސަލާމަތާއި ސިޔާދަތަށް ބުރޫ އަރާނެ ފަދަަ ކަމަކަށް ވާތީކަމަށް އެ މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރުން އެ އެއްބަސްވުމަށް ބަދަލުތައް ގެނެސްފައިވާ ކަމަށް ޝިޔާމް ވަނީ ތުހުމަތުކުރައްވައިފަ އެވެ. އަދި އެކަމުގައި މަޖިލީހުގެ ރުހުން ހޯދައިފައި ނުވާތީވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އިތުރު ތިލަފަޅު އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިން ރާއްޖޭގައި ނުތިބޭނެކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. ނަމަވެސް ޝިޔާމްގެ ކަންބޮޑުވުމަކީ ޓެކްނީޝަނުން ފަދަ އެކި ނަންނަމުގައި ސިފައިން ތިބުމެވެ. މިހާރުވެސް ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގެ ނަމުގައި އިންޑިއާ ސިފައިން ތިބެއެވެ.

އެ މައްސަލަަ ބަލައިގަންނަން އެންމެ ބޮޑަށް ދެކޮޅު ހެއްދެވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. އޭގެ ހުއްޖަތަަކަށް އޭނާ ދެއްކެވީ ރާއްޖޭގައި އިންޑިއާގެ ނޭވީގެ ޑޯނިއާ މަތިންދާބޯޓެއް އޮޕަރޭޓު ކުރުމާ ގުޅޭގޮތުން ރާއްޖެއާއެކު ހެދި އެއްބަސްވުން ހާމަ ކުރަން ނުޖެހޭ ކަމަށް ހައިކޯޓުން ނިންމި ކަަމަށް ބުނެ އެވެ. ނަމަވެސް ހައި ކޯޓުން އެފަދަ ނިންމުމެއް އަދި ނިންމާފައެއް ނުވެ އެވެ. ނަމަވެސް އެއީ ހާމަކުރަން ޖެހޭ މައުލޫމާތެއް ނޫން ކަަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) އިން ވަނީ ނިންމައިފަ އެވެ.

އެ މައްސަލައިގެ އިތުރުން މި ފަހަކަށް އައިސް އިންޑިއާއިން ބޮޑެތި އަދަދުތަކުން ލޯންތައް ނަގަމުންދާތީ އެ ލޯންތަކުގެ ތަފްސީލް ހޯދަންވެސް ޝިޔާމް ހުށަހެޅުއްވި އެވެ.