ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ ހަރަކާތްތަކާއި އަމަލުތައް ނުހުއްޓުވޭތީއާއި އެފަދަ އަމަލު ކުރާ ފަރާތްތަކަށް ފިޔަވަޅު ނޭޅޭތީވެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނުރުހުން ސަލާމަތީ ބާރުތަކާއި ކަމާ ބެހޭ ބައެއް މިނިސްޓަރުންނަށް އަމާޒު ކުރައްވައިފި އެވެ.
ށ. މާއުނގޫދޫއަށް ބަޔަކު އަރައި އެ ރަށުގެ ފާރުތަކުގައި ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ލޯގޯ ކުރެހި މައްސަލައާއި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ހެދި މައްސަލާގައި އެފަދަ ހަރުކަށި ފިކުރުގެ އަމަލުތައް ނުހުއްޓުވޭތީ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ވެއްދި އެވެ.
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވިދާޅުވީ ހަރުކަށި އަމަލުތައް ނުހުއްޓުވެނީ އެފަދަ އަމަލުތައް ކުރާ ފަރާތްތަކާ ދެކޮޅަށް ތަންފީޒީ އިދާރާތަކާއި ސަލާމަތީ ބާރުތައް ފިޔަވަޅު ނޭޅޭތީ ކަމަށެވެ. ބައެއް މެންބަރުން ވަނީ ސަލާމަތީ ބާރުތަކާއި ކަމާ ބެހޭ މިނިސްޓަރުންނަށް ވެސް ފާޑުވިދާޅުވެފަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރަގެ މެންބަރު އަލީ އާޒިމް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތަކާ ގުޅިގެން ރާއްޖެ މި އޮތީ "ހަނގުރާމައިގެ ތުންފަތް މަތީގައި" ކަމަށެވެ. ސަލާމަތީ ބާރުތަކަށް ފާޑުވިދާޅުވަމުން އޭނާ ވިދާޅުވީ މަޖިލީހުގައި މި ވާހަކަތައް ދައްކަން ޖެހުނީ އެ ފަރާތްތައް ގާނޫނުތައް ތަންފީޒުކޮށް ފިޔަވަޅު ނޭޅޭތީ ކަމަށެވެ.
"ދައުލަތުގައި ގާނޫނުތައް ތަންފީޒު ކުރަން ތިބި ކަމާ ބެހޭ މުއައްސަސާތަކުން މިފަދަ އަމަލުތައް ހުއްޓުވަން މަސައްކަތް ކުރާ ކަން އަޅުގަނޑުމެންނަށް ޔަގީން ކުރެވޭނަމަ، ރައްޔިތުންނަށް ގަބޫލު ކުރެވޭނަމަ، އަޅުގަނޑުމެން ތެދުވެ މި ތަނުގައި މި ވާހަކަތައް ދައްކާކަށް ނުޖެހުނީސް،" އާޒިމް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ސަރުކާރާއި ސަލާމަތީ ބާރުތަކުން ބޭނުންވާ ގޮތަށް ޓެރަރިޒަމްގެ ގާނޫނު ބައްޓަން ކޮށްދީފައިވާ ކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މިހާރު ވެސް މަޖިލީހުގެ މެންބަރުން ތިބީ އިތުރަށް ވެސް ގާނޫނު ހަދަން ޖެހޭނަމަ އެ ކަމެއް ކޮށްގެން ވެސް ހަރުކަށި އަމަލުތައް ހުއްޓުވުމަށް ކަމަށެވެ.
"ތަންފީޒު ކުރަން ތިބި ފަރާތްތަކުންރާއްޖޭގެ ރައްޔިތުންނަށް ހަގީގީ އަސްލު ހާލަތު އެބަ ބުނެދޭން ޖެހޭ، އަޅުގަނޑުމެން މި ތިބީ ގާނޫނު ބުނި ވަރަކަށް ހަދައިދެން، ބުނި ގޮތަކަށް ބުނި ވަރަކަށް ހަދައިދީގެން ވެސް މި ކަންކަން ހުއްޓުވަން ތައްޔާރަށް." އާޒިމް ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ދުނިޔޭގައި ވެސް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތް ކަމުގައިވާ އައިސިސް ޖަމާއަތުގެ ސެލްތައް ރާއްޖޭގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ކަމީ ސާފުކޮށް އެނގެން އޮތް ކަމެއް ކަމަށެވެ.
ކުއްލި މައްސަލާގައި މިދިޔަ ދުވަސްތަކުގެ ތެރޭގައި ހިނގާ ދިޔަ ކަންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ "މިވަރު ހިނގާދިޔައިމާ ސަލާމަތީ ބާރުތަކުން މިއަށްވުރެ ސީރިއަސް ވާން ޖެހޭ" ކަމަށެވެ. ސަމާލަތީ ބާރުތަކަށް ފާޑުވިދާޅުވެ ހަސަން ވިދާޅުވީ ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ބަދަލުގައި އެ ކަމަށް އިސްކަން ދެއްވަން ޖެހޭ ކަމަށެވެ.
"މިއަށް ވުރެ ވަކިން މުހިއްމު ކަމެއް ސަލާމަތީ ހިދުމަތްތަކަށް ނެތް. އެ ބޭފުޅުން ކުރައްވާ ކަންކަން ވެސް ކުރައްވަމުން ގެންދަންވީ، ފުޓްބޯޅަ މުބާރާތްތައް ވެސް ކުޅުއްވަންވީ، އެހެން ނަމަވެސް އެއަށްވުރެ އިސްކަމެއް ދެއްވާށޭ މި ކަމަށް،" ހަސަން ލަތީފް ވިދާޅުވި އެވެ.
ވިލުފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު ހަސަން އަފީފް ވިދާޅުވީ، ރާއްޖޭގެ އަމަންއަމާންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ މުއައްސަސާތަކުން އެފަދަ މައްސަލަތަކަށް އަޅާ ނުލާ ތިބުމަކީ މާ ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި ވިދާޅުވީ އެ ކަންކަމަށް ފިޔަވަޅު ނޭޅޭނަމަ ފުލުހުން ތިބީ ފެއިލްވެފައި ކަމަށެވެ. ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.
"ގާނޫނުތައް އެއީ ގާނޫނެއް ކަމަށް ނުބަލާ ހަމައެކަނި އެ މީހަކަށް ފެންނަ ކަމަކީ ގާނޫނު ކަމަށް ދެކި މިފަދަ ކަންކަން ކުރަމުންދާއިރު ފުލުހުންނާއި އަދި ފުލުހުންގެ މުއައްސަސާގެ ހިންގުމާ ހަވާލުވެ ހުންނެވި ވެރިޔާ (މިނިސްޓަރު އިމްރާން) މި ހުންނެވީ ނިދާފައިތޯ އަޅުގަނޑު މިއަދު ސުވާލު ކުރަން ބޭނުން." އަފީފް ވިދާޅުވި އެވެ.
ފުލުހުންނަށް މަތިކޮށްފައި އޮތް ޒިންމާއަކީ ދިވެހި ރައްޔިތުންގެ ފުރާނައާއި މުދަލާއި ރައްކާތެރި ކުރުން ކަމަށް އަފީފް ވިދާޅުވި އެވެ. އެ ކަންކަން ނުކުރެވޭނަމަ މިހާރު ހުންނެވި މިނިސްޓަރު އިމްރާން ދުކުރުކޮށް އެ ކަމެއް ނުކުރެވޭނެ މިނިސްޓަރަކު ވެސް ހަމަޖައްސަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ހަރުކަށި ފިކުރުގެ ކަންކަން ހިނގާކަން ގަބޫލު ކުރާ ކަަށާއި މި ކަންކަން ތަކުރާރު ވަނީ މި ކުއްލި މައްސަލަ ހުށަހަޅައިގެން އުޅުއްވާ މެންބަރުން ނިސްބަތްވާ ސަރުކާރު ފެއިލްވުމުން ކަމަށެވެ.
އެ ގޮތުން އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލަ ޖެންޑާ މިނިސްޓްރީއާ ހަމައަށް އައިތާ އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު އެ ކަމަށް ފިޔަވަޅެ ނޭޅިފައި އޮތުމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން ވަކިކުރަން ޖެހިފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިދިޔަ އަހަރު ތެރޭގައި ފެންމަތިވެ، ޖެންޑަރ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއްގައި ޖެންޑާ މިނިސްޓަރު ޒިންމާ އުފުލަން ޖެހޭ، މި މައްސަލާގައި އިތުރު ވާހަކައެއް ދައްކާކަށް ނެތް، އިތުރު ވާހަކައެއް ދައްކަން ޖެހޭނީ ޖެންޑާ މިނިސްޓަރު އަޒުލު ކުރުމަށްފަހު،" ޝިޔާމް ވިދާޅުވި އެވެ.