ސިއްހަތު

ރަނގަޅު ޑައެޓެއް ހޯދަނީތަ؟

Jan 13, 2015

ގައިގައި ޖަހާފައި ތިޔަހުރި ސަރުބީތައް އެންދުމަށް އެންމެފަހުން ނެގި ޑައެޓް މަތިން ހަނދާން ނައްތާލާށެވެ. ސައިންސްވެރިންގެ އަތުގައި، ފަހަރެއްގައި މާ މޮޅު ހައްލެއް އޮތީ އެވެ.

ސައިންސްވެރިން ބުނަނީ އެމީހަކާ އެންމެ ގަޔާވާ ގޮތަކަށް މި ކަންތައް ކުރިއަށް ގެންދިޔައީމަ ހުންނާނީ ރަނގަޅަށް ކަމަށެވެ.

ފަލަކަމާ މެދު ހިތްހަމަނުޖެހޭ މީހާ އަށް ކޮންމެ ދުވަހަކީ ވެސް ކަސްރަތުކުރަން ހިތަށް އަރާ ދުވަހެކެވެ. ނިދިން ހޭލައިގެން އެންމެ ފުރަތަމަ ވެސް މި އަރަނީ ބާތުރޫމް ސްކޭލާއަކަށެވެ.

ހިކެން ކިތަންމެ ބޭނުންވިޔަސް އެންމެފަހުވަގުތު އެކަން ކުރާނެ ހިތްވަރެއް ނުލިބެ އެވެ.

ސައިންސްވެރިން ބުނަނީ މިއީ ހަމައެކަނި ކަންނެތްކަމާއި ބަލި ހިތްވަރާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.

ކުށްވެރިޔަކީ އެމީހެއްގެ ޖީންތަކާއި ހޯމޯންސްތަކާއި އެމީހެއްގެ ސައިކޮލޮޖީ އެވެ. މިއީ ތަޖުރިބާކާރުން ނިޔާ އެވެ.

ތިމާ އަށް ހާއްސަ ޑައެޓަކަށް ސަމާލުކަން ދޭން ޖެހޭ ސަބަބަކީ މިއީ އެވެ. މިވެނި އެވެނި މީހަކު ހިކުނީ މިވެނި އެވެނި ގޮތަކަށޭ ކިޔާފައި އެމީއްގެ ޑައެޓް އަތުލަން ފަސް ފަހަތުން ނުދުވަމާ ހިނގާށެވެ.

ތިމާ އަށް ހާއްސަ ޑައެޓަކުން ނޫން ގޮތަކަށް ނަތީޖާ ނުނެރެވޭނެކަން ސާބިތުކޮށްފައި ވަނީ އޮކްސްފޯޑާއި ކެމްބްރިޖު ޔުނިވާސިޓީގެ ތަޖުރިބާކާރުންގެ ޓީމަކާއި ބީބީސީ ސައިންސް ގުޅިގެން ތިން މަސް ވަންދެން ކުރި ދިރާސާއަކުންނެވެ. މި ދިރާސާގައި 75 މީހަކު ބައިވެރިކޮށް ޑައެޓްކުރުވާފައިވެ އެވެ.

މި ދިރާސާގައި ބައިވެރިކޮށްފައި ވަނީ ކެއުމަށް ދެވިހިފާފައިވާ ތިން ވައްތަރެއްގެ މީހުންނެވެ. އޭގެ ތެރެއިން ފުރަތަމަ ބަޔަކީ، އެއްޗެއްގެ ކުޑަ މިންވަރަކުން ނަމަވެސް، ކާން ފެށުމުން ބަނޑު ނުފުރެނީސް އެ ކެއުމެއް ހުއްޓާނުލެވޭ މީހުންނެވެ.

އަނެއް ގްރޫޕަށް ނިސްބަތް ވަނީ އަބަދުވެސް ބަނޑުހައިވެގެން އުޅޭ ކަމުގެ އިހްސާސްކުރެވިގެން ކާލަކާލަ ތިބޭ މީހުންނެވެ. ދެން މި ތިބީ، ބޯގޮވީމަ އާއި ފޫހިވީމަ އަދި ކަންބޮޑުވުން ފަދަ ނަފްސާނީ އިހްސާސްތައް ބަންޑުންވާ ހިނދު ގަދައަށް ކާން ބޭނުންވާ މީހުންނެވެ.

މި ދިރާސާ އިން އެނގުނު ގޮތުން އާދަޔާހިލާފަށް ގަދަ އަށް ކާ މީހުންގެ މައްސަލަ އަކީ އެމީހުންގެ ހޯމޯންސްއާ ގުޅިފައިވާ މައްސަލައެކެވެ. މިގޮތަށް ކާ ހިތްވާ މީހުންނަށް ވަރަށް މުހިންމު ހޯމޯންއެއް މަދުވާކަން ވެސް ސައިންސްވެރިން ފާހަގަކޮށްފައިވެ އެވެ. އެއީ ބަނޑުހައިވެފައި ހުންނަ މީހާ ކަމުން ކަމުން ގޮސް ބަނޑުފުރުމުން، ބަނޑު ފުރިއްޖެ ކަމުގެ މެސެޖު ސިކުނޑި އަށް ފޯރުކޮށްދިނުމަށް ބޭނުންވާ ހޯމޯންސް އެވެ.

ސައިންސްވެރިން ބުނަނީ މި މުހިންމު މެސެޖު ސިކުނޑި އަށް ފޯރުކޮށް ދޭން ބޭނުންވާ ހޯމޯންސް، ގިނައިން ކާ ހިތްވާ މީހުންގެ ވަރަށް ވެސް މަދު ކަމަށެވެ.

"ބައެއް މީހުންގެ ހަށިގަނޑުގައި މި ހޯމޯން އުފައްދަނީ ވަރަށް މަދުން. އެހެންވީމަ ގޮހޮރު ފުރި ބާރުވީމަ ސިކުނޑި އަށް ފޯރުވައިދޭން ޖެހޭ މެސެޖު އޮންނަނީ ފޯރުކޮށް ނުދެވިފައި،" ބީބީސީ އަށް ދެއްވި އިންޓަވިއުއެއްގައި އޮކްފޯޑް ޔުނިވާސިޓީގެ، ޑައެޓް އަދި ޕޮޕިއުލޭޝަން ޕްރޮފެސަރު ސޫޒަން ޖެބް ވިދާޅުވެފައިވެ އެވެ.

ދެން މި އޮތީ އަބަދު ކާ ހިތްވެފައި ތިބޭ މީހުންގެ ވާހަކަ އެވެ. އެމީހުންގެ ސިކުނޑި ބުނަނީ ބަނޑު ނުފުރޭ ކަމަށެވެ. ހިތް ކިޔަނީ އެންމެ ފޮނި އެންމެ ގިނައިން ހަކުރު އެޅި ކާ އެއްޗިއްސަށެވެ.

ސައިންސްވެރިން ބުނަނީ މިއީ ޖީންސްތަކުގައި އުޅޭ މައްސަލައެއް ކަމަށެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ކެވިއްޖެ ކަމަށް ބުނެ ސިކުނޑިއަށް ފޮނުވާ ސިގްނަލަށް ބައެއް ޖީންތައް ހުރަސް އަޅަނީ އެވެ.

މިފަދަ ޖީންތަކެއްގެ ސަބަބުން، ކާ ހިތްވާ މީހާ އަށް ލިބެނީ ރަނުގެ ފުރުސަތެކެވެ.

ތަޖުރިބާކަރުން ބުނަނީ ނަފްސާނީ ގޮތުން މީހާ އަށް ކުރިމަތިވާ ތުރާލަކީ ވެސް ބަނޑުހައިކޮށްލާ ކަމެއް ކަމަށެވެ. އެހެންވީމަ ކަމަކާ ބޯގޮވައިގެން އުޅޭ ނަމަ ވީހާ ކާ އެއްޗިއްސާ ދުރުގައި އުޅެވޭތޯ ބަލާށެވެ. އެހެން ނޫން ނަމަ ބޭނުން ނުވާ ވަގުތުތަކުގައި ބޭނުން ނުވާ ކާ އެއްޗިހި ހަށިގަނޑަށް އިތުރުކުރެވޭނީ އެވެ.

ސައިންސްވެރިން ބުނަނީ އިހްސާސްތައް ބަނޑުންވާ ހިނދު ކާން ބޭނުންވާ މީހުންނަށް ދިމާވެފައިވާ މައްސަލަ ވަރަށް ވެސް ބޮޑު ކަމަށެވެ. އެގޮތުން މިފަދަ ނަފްސާނީ މައްސަލަތަކަށް ހުށަހެޅޭ ނަމަ އެފަދަ ހާލަތެއްގައި މީހާގެ ހިތުގެ ހިނގުން އަވަސްވެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އެއް ފަހަރާ ބަންޑުންކޮށްލުމުން އިތުރަށް މައްސަލަ ގޯސްވެގެންދާ ކަމަށެވެ.

"ބައެއް މީހުންނަށް ހީވަނީ ޑައެޓެއް ކާމިޔާބުކުރުމަކީ ހިތްވަރާ ގުޅިފައި އޮންނަ ކަމެއް ހެން. ނަމަވެސް އެއީ ކުށް ހީއެއް. ޑައެޓް ގުޅިގެން ދަނީ އެ ޑައެޓެއް ނަގާ މީހެއްގެ އަހުލާގާ. ޑައެޓަށް ގަވާއިދުން އަމަލުކުރެވޭނީ އަހުލާގެއް ހުރެގެން،" ޖެބް ވިދާޅުވެފައިވެ އެވެ.

"ކަށިން ހިތްވަރުނެރެގެން މީހުން ހިކޭ ކަމަކަށް ދުވަހަކު ވެސް ދިރާސާއަކުން ދައްކާފައެއް ނެތް. އެކަމަކު ހިތްވަރުކޮށްގެން ބަދަލުކޮށްލެވިދާނެ މީހެއްގެ އަހުލާގު."

އެހެންވީމަ ކާ މޭޒުމަތީގެ އަދަބު ތަރުތީބު ގެއްލިފައިވާ ނަމަ، ހިކޭނެ ޑައެޓެއް ހޯދުމުގެ ކުރިން، ގެއްލުނު އަދަބު އަހުލާގު ހޯދުމަށް އަވަސްވެގަންނާށެވެ.