މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ފަޒީން އާއި ޝިފްޒާއަށް ކޮމެޓީން ރުހުން ދީފި

ހުސްވެފައޮވާ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެމްބަރުގެ މަގާމަށް އައްޔަނުކުރަން ރާއްޖެ ޓީވީގެ ޕްރެޒެންޓަރު މުހައްމަދު ފަޒީން އާއި ވީޓީވީގެ ކުރީގެ ޕްރެޒެންޓަރު ޝިފްޒާ މުސްތަފާއަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ރުހުން ދީފި އެވެ.

ބްރޯޑްކޮމްއަށް އައްޔަނުކުރަން ފަޒީން އާއި ޝިފްޒާއާއެކު 11 ނަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިމަހު ކުރީކޮޅު މަޖިލީހަށް ފޮނުވި އެވެ.

އެ ހުރިހާ ނަންތަކެއް މިނިވަން މުވައްސަސާ ކޮމެޓީން ދިރާސާ ކުރުމަށްފަހު ފަޒީން އާއި ޝިފްޒާއަށް ރުހުން ދިނީ ކޮމެޓީގެ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ކޮމެޓީން ފަޒީންއާއި ޝިފްޒާގެ ނަން ފާސްކުރުމުން ދެން އެ ނަންތަަކަށް މަޖިލީހުގައި ވޯޓަށް އަހާނެ އެވެ. ނަމަވެސް މެމްބަރުކަަށް އައްޔަނުކުރާނީ އެއް މެމްބަރެވެ. އަދި ވޯޓަށް އެހުމުގައި ނަން ތަރުތީބުން ފަޒީންއަށް އިސްކަން ދޭނެ އެވެ.

ބްރޯޑްކަމުގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު މަހާމުން އިސްތިއުފާ ދެއްވުމުން ނެވެ. ޒީނާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމަށް މަޖިލީހުގައި މަޝްވަރާކުރަމުން ދަނިކޮށެވެ.

ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ބްރޯކޮމްގައި މިހާރު ތިއްބެވީ ހަ މެމްބަރުން ނެވެ. ރައީސް ކަމުގައި ހުންނަވަނީ މަރިޔަމް ވަހީދާއެވެ. އަދި ކޮމިޝަންގެ ނައިބު ރައީސްއަކީ އަހުމަދު ގައިސްއެވެ. ދެން އެ ކޮމިޝަންގައި ތިއްބެވީ އަލީ ޔޫސުފު، އައިމިނަތު އަމީނާގެ އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި، އަމްޖަދު ވަހީދެވެ.

ބްރޯޑްކޮމްގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރެވެ.