ރާއްޖެ ކުޅިވަރު

މާޒިޔާގެ ފެންވަރު ދަށްވުމުން ބީޖީ އެޑްވާންޓޭޖް ނަގައިފި

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މިރޭ މާޒިޔާ އަތުން 1-0އިން ބީޖީ މޮޅުވީ، މާޒިޔާ މާބޮޑަށް ފެންވަރު ދަށްވުމުން އެކަމުގެ އެޑްވާންޓޭޖް ނަގައިގެން ކަމަށް ބީޖީން ބުނެފި އެވެ.

އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ މެޗަށް ފަހު ބުނީ މާޒިޔާ ފެނުނީ އެ ޓީމުގެ ފެންވަރުގައި ނޫން ކަމަށެވެ.

"މާޒިޔާ އަސްލު ފެންވަރުގައި ނޫން ފެނުނީ. އޭގެ އެޑްވާންޓޭޖް ބީޖީ ނެގީ. ދެން މިއީ ވަރަށް ބޮޑު ކާމިޔާބީއެއް އިތުރަށް ކުރިއަށްދާން. އެއީ މާޒިޔާ ކަހަލަ ބޮޑު ކުލަބެއް އަތުން މޮޅުވެވުމަކީ ބީޖީ ކުރިއަށްދާން ލިބޭނެ ހިތްވަރަކަށްވާނެތީވެ،" ޔޫއޭފާ ފްރޯ ލައިސަންސް ޖަރުމަނުގައި ފުރިހަމަކުރުމަށްފަހު އިއްޔެ މާލެއައިސް އަލުން ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި ފަހުން ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މާޒިޔާ ވަނީ ބަލިވެފަ އެވެ. މިރޭ އެ ޓީމު ބަލިކުރި ގޯލު ޖެހީ ބީޖީގެ އިބްރާހީމް ހަމްދާން (މެސީ) އެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ އެހެން ޓީމުތަކާ އަޅާ ބަލާއިރު މާޒިޔާގެ ސްކޮޑް ކުޑަވުމުގެ ޑިސްއެޑްވާންޓޭޖް އޮވެދާނެ ކަމަށާއި މާޒިޔާ އަށް ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މި ގޮތުން އެއްކަމަކަށް އޭނާ ފާހަގަ ކުރީ މި މެޗުގައި ގިނަ ކުޅުންތެރިންތަކަކަށް ނުކުޅެވުމެވެ. އޭގެ ތެރޭގައި ދެ ރީނދޫ ކާޑު ހަމަވެގެން ނުކުޅެވުނު ހަތަރު ކުޅުންތެރިއަކު ތިއްބެވެ. އެއީ ބިދޭސީ ޑިފެންޑަރު ޖަންގްރޮވްސްކީ ޓޯނީ އާއި ފަރުހާދު އިސްމާއީލް އާއި އަމްދާން އަލީ އާއި މުހައްމަދު އިރުފާނެވެ. މީގެ އިތުރުން މުހައްމަދު އުމޭރާއި ހަސަން ޝިފާޒް (ޑުންގާ) ވެސް ޓީމުގައި ހިމަނާފައިނުވެ އެވެ.

"ޕްރެޒިޑެންޓްސް ކަޕް ނިންމާފައި މަޑުވެސްކޮށްނުލާ ކުޅުންތެރިން ދިޔައީ ގައުމީ ޓީމަށް. ގައުމީ ޓީމަށް ގޮސްފައި އައިއިރު ބައެއް ކުޅުންތެރިން ތިބީ އިންޖަރީގައި. އޭގެއިން އަދިވެސް މުޅިން އައިނުގަނެވޭ. ދެން ސްކޮޑް ކުޑަވީމަ އޭގެ ޑިސްއެޑްވާންޓޭޖް ވެސް އޮވެދާނެ. މި މެޗުގައި މި ކުޅުނީ ވެސް ޓީމުގައި ނެތް ކުޅުންތެރިއަކު ގެނެސްގެން ދެދުވަހަކު ޕްރެކްޓިސްކޮށްލާފައި،" ސުޒޭން ބުންޏެވެ.