ރާއްޖެ ކުޅިވަރު

ޔޫއޭފާ ޕްރޯ ލައިސަންސް ޝާޒްލީ ފުރިހަމަކޮށްފި

ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން ކޯޗުންނަށްދޭ އެންމެ މަތީ ފާސްކަމަށްވާ ޔުއޭފާ ޕްރޯ ލައިސަންސް ކޯޗިން ކޯސް ބީޖީގެ ކޯޗު މުހައްމަދު ޝާޒްލީ ފުރިހަމަކޮށްފި އެވެ.

ސްވިޒަލޭންޑުގައި ދެ ހަފުތާ މަޑުކޮށް، ކޯސް ފުރިހަމަކުރުމަށްފަހު އޭނާ މާލެ އައީ ބުރާސްފަތި ދުވަހު އެވެ. އަދި ރޭ އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވަރުގަދަ މާޒިޔާ އަތުން ބީޖީ މޮޅުވި މެޗުގައި އޭނާ ވަނީ އަލުން ބެންޗުގައި ހުރެ ޓީމަށް އިރުޝާދު ދީފަ އެވެ.

ކުރިން ވިކްޓަރީ އަށް ކުޅުނު ޝާޒްލީ އަކީ ބީޖީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިން ކޯޗުވެސްމެ އެވެ. އޭނާ އަކީ އޭ ލައިސަންސްގެ ކޯޗަކަށްވާއިރު ރާއްޖޭގައި ހުރި ފުޓްސަލް ކޯޗިން އިންސްޓަކްޓަރަކީ ވެސް އޭނާ އެވެ.

ޝާޒްލީގެ ބެލުމުގެ ދަށުން ބީޖީ ވަނީ ލީގުގެ މިހާތަނަށް ކުޅުނު 9 މެޗުން 11 ޕޮއިންޓާއެކު ހަ ވަނާގަ އެވެ. އަދި ޕްރެޒިޑެންޓްސް ކަޕުގެ ސެމީ އަށް ނުގޮސް އެ ޓީމު ކެޓީ ނިއު އާއ ޓީސީއާ ޕޮއިންޓުން ހަމަހަމަވި ނަމަވެސް ފައިދާ ގޯލުގެ ތަފާތުންނެވެ.