ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ޔާމީނަށް ވާދަ ނުކުރެވެންޏާ ކުރިމަތިލާން ޝައުގުވެރި: ވަހީދު

Feb 28, 2021
6

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ހާލަތު އޮތްނަމަ ރައީސް ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ގެންގުޅުވާ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްވައިފި އެވެ.

އެމަނިކުފާނުގެ މި އިޝާރަތް ކުއްލި ގޮތަށް ތިލަ ކުރެއްވެވީ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ބައިވެރިވެ ވަޑއިގަތުމުން އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވުމުގަ އެވެ.

މިވަގުތު ޕީއެމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ވިދާޅުވީ ރައީސް ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އޮތް ކަމަށް ޕީޕީއެމުން ގަބޫލު ކުރާ ކަމަށާއި މުޅި ޕާޓީން މަސައްކަތް ކުރަމުން ދަނީ ވެސް އެގޮތަށް ގަބޫލު ކޮށްގެން ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީން މިނިވަން ނުވެ ފުރުސަތު ލިބިވަޑައި ނުގެންފި ނަމަ، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ފަރާތެއް ނިންމާނީ ޕްރައިމަރީއެއް ބާއްވައިގެން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެއީ އެއީ ޕީޕީއެމާއި ޕީއެންސީން ހަދާފައިވާ ކޯލިޝަނުގެ ނިންމުމެއް ކަމަށް ވެސް ކުރީގެ ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ، ޕާޓީގެ ފަރާތުން ޕްރައިމަރީއެއް ބާއްވާނެ،"

ކުރީގެ ރައީސް އެން ވިދާޅުވުމުން އެފަދަ ޕްރައިމަރީއެއްގައި ވާދަ ކުރައްވާނަންތޯ ސުވާލު ކުރުމުން ރައީސް ވަހީދު ވިދާޅުވީ "އެއަށް އެއްޗެއް ދަންނަވާން މާ އަވަަސް" ކަމަށެވެ. އެ މަނިކުފާނުގެ ފަރާތްޕުޅު އައި އެންމެ މުހިންމު އިބާރާތް އައީ އޭގެ ފަހަށެވެ.

ވިދާޅުވި އެވެ: "އެހެންނަމަވެސް، އަޅުގަނޑު މިހިރީ އަޅުގަނޑަށް ވެވުނު ގޮތަކަށް ގައުމަށް ހިދުމަތް ކުރަން އަދިވެސް... ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއް ނަމަ ޕާޓީން ނިންމާނީ ގައުމަށް އަދި ޕާޓީއަށް ވެސް އެންމެ ރަނގަޅަށް. އެ އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު އެ މަގާމަށް ކުރިމަތިލުން ކަމަށްވާނަމަ އެއީ އެންމެ ރަނގަޅު ގޮތް،"

ރައީސް ކަމަށް އިންތިހާބުވިޔަސް އިތުރަށް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ އިއްޒަތެއް ވެސް އަދި ޝަރަފެއް ނެތް ކަމަށްވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

މިދިއަ އަހަރުހުގެ ޖޫން މަހުގެ ތެރޭގައި ރައީސް ވަހީދު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ޝައުގުވެރިކަަމެއް އެ މަނިކުފާނުގެ ނެތެވެ. އަދި 2023 ގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަ ކުރައްވާނެ ކަމަށެވެ.

ވަހީދު ވިދާޅުވީ 2014 ވަނަ އަހަރު ޕީޕީއެމާއި ގުޅިވަޑައިގެންފައި ވަނީ ގައުމަށް ހިދުމަތް ކުރުމުގެ މަގްސަދުގައި ކަމަށެވެ. އަދި މި ފަހުން ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމު ހުށައެޅުމުން އެ މަގާމު ގަބޫލު ކުރެއްވީ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދުނިޔެ ދުށް މޮޅު ލީޑަރުންނަކީ އަބަދުވެސް އެހެން މީހުން ޕްރޮމޯޓް ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވި ބޭފުޅުން ކަމަށާ އެމަނިކުފާނުގެ ފިލޯސަފީއަކީ ވެސް އެއީ ކަމަށެވެ.

"ދަންނަވަންތޯ، މޮޅު ލީޑަރުންނަކީ އެހެން މީހުންނަށް ޝަރަފު ހޯދައި ދިނުމަށްޓަކައި އެމީހުން ޕްރޮމޯޓް ކުރުމަށްޓަކައި އެމީހުންގެ ފަހަތުގައި ތިބެގެން މަސައްކަތްކޮށް ދޭ މީހުން. އެންމެ ރަނގަޅު ލީޑާޝިޕަކީ އެހެން މީހުންނަށް ހިދުމަތް ކޮށްދިނުން. އެއީ އަޅުގަނޑުގެ ފިލޯސަފީއަކީ،"

ރައީސް ވަހީދު ވިދާޅުވީ ޕީޕީއެމްގެ އިސް މަގާމަކަށް ވަޑައިގެންނެވީ ހޯއްދަވަން ބޭނުންފުޅުވާ ޝަރަފުވެރި ކަމެއް ނުވަތަ މަގާމެއް އޮވެގެން ނޫން ކަމަށެވެ.