ރާއްޖޭގެ މިހާރުގެ ހާލަތު އޮތްގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެންމެ ރަނގަޅު ބޭފުޅަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުގައްޔޫމް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަވަސް އޮންލައިންގެ ޕޮލިޓިކަލް ޓޯކް ޝޯ "ސުވާލަކަށް ފަހު ސުވާލެއް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވަހީދު ވިދާޅުވީ ސިޔާސީ މަސައްކަތްޕުޅާއި ދުވަސްކޮޅަކު ދުރުގައި ހުންނެވި ނަމަވެސް އިދިކޮޅު ކޯލިޝަންގެ އިސް އެޑްވައިޒަރުކަން ގަބޫލު ކުރެއްވީ ގައުމަށް ހިދުމަތް ކުރެއްވުމަށް ބޭނުންފުޅުވާތީ ކަމަށެވެ. އެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު އެންމެ އިސްކަން ދެއްވާނީ ޕީޕީއެމް އާއި ޕީއެންސީ އެކުވެ އުފައްދާފައިވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް އެހީތެރިވެ ދެއްވުން ކަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ ކުރިއަށް އޮތް 2023 ގެ އިންތިހާބަށް އެ ކޯލިޝަނުން ކެންޑިޑޭޓަކު ކަނޑައަޅާފައިވާ ކަމަށާ އެއީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އެމަނިކުފާނަށް އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތްޕުޅެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ރާއްޖޭގެ ހާލަތު އޮތް ގޮތުން ރައީސް ޔާމީން އެއީ މިގައުމުގެ ވެރިކަން ކުރަންވަން ދެންވެސް އެންމެ ރަނގަޅު ބޭފުޅާ. އެހެންވީމަ އެއީ އެންމެ ރަނގަޅު ގޮތް. އަޅުގަނޑު ރައީސް ޔާމީނަކާ ވާދަކުރާކަށް ނުނިކުންނާނަން،" ރައީސް ވަހީދު ވިދާޅުވިއެވެ.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ރާއްޖޭގެ ހާލަތު އޮތް ގޮތުން ރައީސް ޔާމީން އެއީ މިގައުމުގެ ވެރިކަން ކުރަންވަން ދެންވެސް އެންމެ ރަނގަޅު ބޭފުޅާ. އެހެންވީމަ އެއީ އެންމެ ރަނގަޅު ގޮތް. އަޅުގަނޑު ރައީސް ޔާމީނަކާ ވާދަކުރާކަށް ނުނިކުންނާނަންޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް
ރިޔާސީ ރޭހުން ފުރުސަތު ލިބިވަޑައިގެންފިނަމަ އަމަލު ކުރައްވާނީ ކިހިނެތްތޯ ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ ގައުމަށް ހިދުމަތް ކުރެއްވުމަށް ލިބިވަޑައިގަންނަވާ ފުރުސަތުތަކުގެ ބޭނުން ހިއްޕަވާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނާ ދެކޮޅަށް ނިކުންނަވާ މަސައްކަތް ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.
"ﷲގެ އިރާދަފުޅުން އަޅުގަނޑަށް އެ ފުރުސަތު އަތުވެއްޖެއްޔާ ނޫނެކޭ ބުނާކަށް ނުވާނެ އެހެން ނޫންތޯ. އަޅުގަނޑު ކުރީން ދެންނެވިހެން ގައުމަށް ހިދުމަތް ކުރުމަކީ ކުރަން ޖެހޭނެ ކަމެއް. އެހެން ނަމަވެސް އަޅުގަނޑު ރައީސް ޔާމީނާ ދެކޮޅަކަށް ނުނިކުންނާނަން. އެމަނިކުފާނުގެ ފަހަތްޕުޅުގައި އެމަނިކުފާނަށް ސަޕޯޓްކުރަން އަޅުގަނޑު ހުންނާނީ،"
ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ އާއި ގުޅިގެން ދަށުކޯޓުން އިއްވި ފަސް އަހަރުގެ ޖަލުހުކުމް ހުކުމް ބާތިލްކޮށް ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރުމާއި ގުޅިގެން 2023ގެ ރިޔާސީ އިންތިހާބަށް ބަންދުވެފައި އޮތް ދޮރު ވަނީ ހުޅުވިފައެވެ. ނަމަވެސް އަދިވެސް ދަށު ކޯޓްގައި އެމަނިކުފާނުގެ މައްޗަށް ހަަތަރު ދައުވާއެއްގެ ޝަރީއަތް ހިންގަން ވަނީ ތާވަލުކޮށްފައެވެ.
އެއިން ދައުވާއެއްގައި ޖަލު ހުކުމެއް އިއްވައިފިނަމަ ރިޔާސީ ރޭހުން އޮތް ފުރުސަތު އަނެއްކާވެސް ގެއްލިވަޑައިގަންނަވާނެ އެވެ. އެ ހާލަތާއި ގުޅޭގޮތުން ސުވާލު ދެންނެވުމުން ރައީސް ވަހީދު ވިދާޅުވީ 2023 ގެ އިންތިހާބާ ހަމައަށް ރައީސް ޔާމީން މިނިވަންކޮށް ހުންނަވާނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަކުރައްވާ ކާމިޔާބުވެސް ހޯއްދަވާނެ ކަމަށެވެ. އުންމީދަކީ އެއީ ކަމަށް ވިދާޅުވިއެވެ.
"ދެހާސްތޭވީހުގައި މާތްﷲގެ އިރާދަފުޅުން ވެރިއަކަށް ވެވަޑައިގަންނަވާނީ ރައީސް ޔާމީން އަނެއްކާވެސް. އޭރުން އަނެއްކާވެސް ގައުމުގެ ތަރައްގީ އާއި ކުރިއެރުން އައު މިސްރާބަކަށް ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ. އަޅުގަނޑުމެން އުންމީދުކުރަނީ ﷲގެ އިރާދަފުޅުން އިންތިހާބާ ހަމައަށް ރައީސް ޔާމީން މިނިވަންކޮށް ހުންނަވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް. ދެން ހުރިހާކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގަތުން ވަނީ މާތްގެ ހަސްރަތުގައި. އަޅުގަނޑުމެންނަށް ވިސްނިދާނެ އެކި ގޮތްގޮތަށް. އަޅުގަނޑުމެންނަށް އުންމީދު އެބައޮތް،"
ދެހާސްތޭވީހުގައި މާތްﷲގެ އިރާދަފުޅުން ވެރިއަކަށް ވެވަޑައިގަންނަވާނީ ރައީސް ޔާމީން އަނެއްކާވެސް. އޭރުން އަނެއްކާވެސް ގައުމުގެ ތަރައްގީ އާއި ކުރިއެރުން އައު މިސްރާބަކަށް ކުރިއަށްދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަނީ. އަޅުގަނޑުމެން އުންމީދުކުރަނީ ﷲގެ އިރާދަފުޅުން އިންތިހާބާ ހަމައަށް ރައީސް ޔާމީން މިނިވަންކޮށް ހުންނަވާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް. ދެން ހުރިހާކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގަތުން ވަނީ މާތްގެ ހަސްރަތުގައި. އަޅުގަނޑުމެންނަށް ވިސްނިދާނެ އެކި ގޮތްގޮތަށް. އަޅުގަނޑުމެންނަށް އުންމީދު އެބައޮތްޑރ. މުހައްމަދު ވަހީދު ހަސަން މަނިކު | ކުރީގެ ރައީސް
ރައީސް ވަހީދު ވަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވެވަޑައިގަތުމާއި ގުޅޭގޮތުންވެސް ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި ޔާމީން މިނިވަންވެވަޑައިގަަތުމަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު އުފަލެއްގެ ގޮތުގައެވެ. އަދި ސުޕްރީމް ކޯޓްގެ ނިންމެވުމަކީ މިއިން ދުވަހަކުވެސް ނުފެންނަ ފަދަ މިނިވަން މުސްތަގިއްލު ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.
"ރައީސް ޔާމީން މިނިވަންވެވަޑައިގަތުމަކީ އެއީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކީ ރައީސް ޔާމީން. ކޮންމެއަކަށް ސުޕްރީމް ކޯޓުން ރައީސް ޔާމީންގެ ހުކުމް ބާތިލުކުރައްވާ މިނިވަންކުރެއްވި ކުރެއްވުމަކީ ސުޕްރީމް ކޯޓްގެ ބެންޗަށް މަރުހަބާ ދަންނަވަން ޖެހޭ ކަމެއް. އަދި މިހާތަނަށް އަޅުގަނޑުމެންނަށް ނުފެންނަހާ މުސްތަގިއްލުކޮށް ފުރިހަމަކޮށް ނިންމެވި ނިންމެވުމެއް ވަރަށް ބޮޑަށް ދިރާސާކުރެއްވުމަށްފަހުގައި. އެހެންވީމަ އެކަމާ އަޅުގަނޑުމެން އުފާކުރަން ޖެހޭ،" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބަށް ފަހު ރައީސް ޔާމީނާއެކު ގައުމަށް މުހިންމު ބަދަލެއްތަކެއް އައުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ކޮންމެ ކޮންމެ ބޭފުޅަކަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"ބައެއް ބޭފުޅުންނަށް ހީފުޅުކުރެއްވިދާނެ ރައީސްކަން ކުރުން މިއީ ވަރަށް މޮޅު ކަމެކޭ އިނގޭ. ކޮންމެ މީހަކަށްވެސް ކުރެވިދާނެއޭ. ހަގީގަތަކީ އެއީއެއް ނޫން. އެއީ ވަރަށް ބޮޑު ޒިންމާއެއް ވަރަށް ބޮޑު އަމާނާތެއް. އެކަން ކުރުމަކީ އެއީ ވަރަށް ބޮޑަށް އުނދަގޫ ކަމެއް. އަޅުގަނޑަށް ކުރެވުނު ތަޖުރިބާގައި އަޅުގަނޑަށް ވިސްނިފައި އޮންނަނީ އެއީކީއެއް އެއްވެސް މީހަކު އަމިއްލައަށް ކުރިމަތިލައިގެން ކުރަންވާވަރުގެ ކަމެއް ނޫނޭ. އެއީ އެއަށްވުރެ މާބޮޑު މަސްއޫލިއްޔަތެއް،" ދެ އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ޑރ. ވަހީދު ވިދާޅުވިއެވެ.