އިދިކޮޅު ފަރާތްތައް

އިދިކޮޅުންވެސް ނިންމީ މަލީހު މަގާމުން ދުރުކުރަން!

ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ މައްޗަށް އެމްޑީޕީން އިސްވެ ނަގަން ތާވަލް ކޮށްފައިވާ އިތުބާރު ނެތް ކަމުގެ ވޯޓަށް ތާއީދު ކުރަން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕީޖީ ގުރޫޕުން ނިންމައިފި އެވެ.

ސާދަ މެމްބަރުންގެ ސޮޔާއެކު މަލީހުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް މަޖިލީހަށް އެެ މައްސަލަ ހުށަހެޅުއްވީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އިދިކޮޅުގެ ޕީޖީ ގުރޫޕުން މިރޭ ވަނީ ބައްދަލްވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި މަލީހު މަގާމުން ދުރު ކުރުމުގެ މައްސަލާގައި އަމަލު ކުރާނެ ދެ ގޮތެއް ވަނީ ނިންމާފަ އެވެ. އިދިކޮޅުގެ މައިގަނޑު ވިސްނުމަކީ ވެސް މަލީހު މަގާމުން ދުރުކުރުން ކަމަށް ބައްދަލުވުމުގައި ބައިވެރިވި މެންބަރަކު ވިދާޅުވި އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގައި ތިއްބެވީ މަޖިލީހުގެ އަށް މެންބަރުންނެވެ.

ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލްގެ މައްޗަށް އެމްޑީޕީން އިސްވެ ނަގަން ތާވަލްކޮށްފައިވާ އިތުބާރު ނެތް ކަމުގެ ވޯޓަށް އެ ޕާޓީން ތްރީ ލައިން ވިޕެއް ވަނީ ނެރެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް "އަވަސް" އަށް ވިދާޅުވީ މަލީހުގެ އިތުބާރު ނެތްކަމަށް ވޯޓު ދޭން ތްރީ ލައިންގެ ވިޕެއް ނެރުނީ އޭނާ ވަކިކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ކުރިން ނެރެފައިވާ ވިޕާ އެއްގޮތަށް ކަމަށެވެ.

މަލީހުގެ އިތުބާރު ނެތް ކަމަށް 43 މެމްބަރުންގެ އަގުލަބިއްޔަތު ބޭނުންވާނެ އެވެ. އަދި އޭގެ ކުރީން ޖަވާބު ދާރިވުމުގެ ފުރުސަތު ދޭން ޖެހެ އެވެ. މަލީހުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާތަނަށްވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.