ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ދާއިރާތަކުގެ ރައީސުންނާއި ރަށު ރައީސުން އިންތިހާބު ކުރަން ނިންމާ އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިރޭ ހުޅުވާލައިފި އެވެ.
ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ޕީޕީއެމް އާއި ޕީއެންސީގެ އިންތިހާބާ ކޮމެޓީން ބުނީ އެތެރޭގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާ ރައީސް އާއި ނައިބު ރައީސް އަދި ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް އާއި އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސް ހޮވާނެ ކަމަށެވެ.
އިންތިހާބާ ބެހޭ ކޮމެޓީން ބުނީ ދާއިރާ ރައީސް އާއި ނާއިބު ރައީސް ހޮވުމުގެ އިންތިހާބު 87 ދާއިރާގައި އޮންނާނެ ކަމަށެވެ. މި އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ހުރިހާ މެންބަރުންނަށް ވޯޓް ލެވޭނެ އެވެ. އަދި ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް ހޮވުމުގެ އިންތިހާބު ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް ހޮވުމުގެ އިންތިހާބުގައި އެ މަގާމުތަކަށް ކުރިމަތި ލެވޭނީ އަދި ވޯޓް ލެވޭނީވެސް އުމުރުން 35 އަހަރުން ދަށުގެ މެންބަރުންނަށެވެ.
އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސް ހޮވުމުގެ އިންތިހާބުގައި ވޯޓްލެވޭނީ ދެ ޕާޓީގެ އަންހެން މެންބަރުންނަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13 އިން 25 އަށް ހުޅުވާލާފައިވާ ކަމަށެވެ. އިންތިހާބު ބޭއްވުމަށް ހަަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އެވެ. މިއީ އެ ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް 2023 ގެ ރިޔާސީ އިންތިހާބަށް ޕާޓީގެ ހަރަކާތްތައް ވަރުގަދަކޮށް އާންމު މެންބަރުންނާއި ޕާޓީގެ މައި އޮފީސް ގުޅުވާލުުމުގެ ބޭނުމުގައި ގެންނަ ބަދަލުތަކެއް ކަމަށެވެ.