ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބަނޑަށް ނުޖެހި ސަލާމަތްވެވުނީ އެލަވަންސް ދިނުމުން: ރައީސް

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ހާލަތުގައި ހާލުގައި ނުޖެހި ސަލާމަތް ވެވުނީ ސަރުކާރުން ދެމުންދާ އެލަވަންސްތަކުގެ ސަބަބުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕޭން ބައްދަލު ވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނ. އަތޮޅަށް ހާއްސަކުރި ރޭ ގެ ބައްދަލުވުމުގައި ވެސް ރައީސް ވަނީ އެހެން ބައްދަލުވުންތަކެކޭ އެއްގޮތަށް އެ އަތޮޅަށް ނިސްބަތްވާ ރައްޔިތުންނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކުރި ފައިސާގެ ތަފްސީލުތައް ހިއްސާ ކުރައްވާފަ އެވެ. އަދި އެ އަތޮޅުގެ ރަށްތަކުގެ ރައްޔިތުނަށް ކަރަންޓް ސަބްސިޑީ އާއި އެ ނޫން ގޮތްގޮތުން ދީފައިވާ އެލަވަންސްތަކާއި ގުޅޭ މައުލޫމާތު ދެއްވާފަ އެވެ.

ރައީސް ވިދާޅުވީ އެ އެލަވަންސްތަކުގެ އިތުރުން އެކަނިވެރި މައިންނާއި ބަފައިން އަދި ދުވަސްވީ މީހުންނަށް ވެސް ސަރުކާރުން އިނާޔަތް ދެމުންދާ ކަމަށާ އެމަނިކުފާނުގެ ނަޒަރުގައި ރަށްރަށް މި ހާލަތުގައި ހިފެހެއްޓުނީ އެފަދަ އެލަވަންސްތަކުގެ ސަބަބުންނެވެ. ދިވެހިން ބަނޑަށް ނުޖެހި، އަދި ހާލުގައި ނުޖެހި ސަލާމަތް ވެވުނީ އެލަވަންސްތައް ދެމުންދާތީ ކަމަށާ އެހެން ނޫންނަމަ ދިވެހިންގެ ހާލަތު ވަރަށް ދަތި ހާލަތަކަށް ދިޔައީސް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ރަށްރަށް މި ހިފެހެއްޓުނީ މިފަދަ [އެލަންސް ދިނުން] އެތަށް ކަމެއް ކުރެވުނީމަ. އަޅުގަނޑުމެންނަށް ބަނޑަށް ނުޖެހި ހާލުގައި ނުޖެހި މި ސަލާމަތް ވެވުނީ މިހެން ހުރި އެއްޗެހިތަކެއްގެ ސަބަބުން ކޮވިޑްތެރޭ. އެހެން ނޫންނަމަ ވަރަށް ދަތި ހާލަތަކަށް އަޅުގަނޑުމެންގެ ގައުމު ދިޔައީސް. މި ހުރިހާ ކަމެއް ރޭވިފައި ހުރީމަ މިހެން މިދިޔައީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނ. އަތޮޅަށް ވެސް ގިނަ ކަންތައްތަކެއް މިދިޔަ ދެ އަހަރުތެރޭ ކޮށްދެވިފައިވާ ކަމަށާ އިތުުރު މަަސައްކަތްތައް ކުރިއަށް ރޭވިފައިވާ ކަމަށެވެ. އަދި އެކަމުގެ ތަފްސީލުތައް ވަކިވަކިން ވިދާޅުވެ ދެއްވި އެވެ. ރަށްރަށުގެ ކެންޕެއިން ޓީމުތަކާއި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކަންބޮޑުވުންތަކާއި އެ ރަށްރަށަށް މުހިންމު ކަންކަން ހިއްސާ ކުރުމުން އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.