ވިޔަފާރި

ސްޕެއިން ކުންފުންޏަކުން 140 މިލިއަން ޔޫރޯގެ ދެ ރިސޯޓު ރާއްޖޭގައި ހަދަނީ

ސްޕެއިންގެ "ރިޔު ހޮޓެލް އެންޑް ރިސޯޓު" ން ރާއްޖޭގައި 140 މިލިއަން ޔޫރޯގެ ދެ ރިސޯޓު ހަދަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

"ހޮސްޕިޓާލިޓީ ނެޓް" ގައިވާ ގޮތުން ސްޕެއިންގެ ރިޔޫ ކުންފުނިން ރާއްޖޭގައި ދެ ރިސޯޓު ތަރައްގީކުރަނީ ދ. އަތޮޅު ދ. މާފުއްޓާއި ކެދިގަނޑާގަ އެވެ. އެ ކުންފުނިން ރާއްޖޭގައި 400 އަށްވުރެ ގިނަ ކޮޓަރި ހެދުމަށް ހަމަޖެހިފައިވެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން ކެދިގަނޑުގައި "ރިޔު ޕެލެސް" ގެ ނަމުގައި 174 ކޮޓަރި އަޅާއިރު، މާފުށީގައި "ރިޔު ކްލެސިކް"ގެ ނަމުގައި 248 ކޮޓަރި އެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި މިއީ މި ކުންފުނިން ރާއްޖޭގައި ހިންގާ ފުރަތަމަ މަޝްރޫއު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އަދި މިދެ ރިސޯޓުގެ މަސައްކަތް 2018 ވަނަ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ރިޔު ހޮޓެލްސްއިން ބުނެފައިވެ އެވެ.

"މި ޕްރޮޖެކްޓް ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި ރާއްޖޭގައި ދަތުުރުފަތުގައި ގޮންޖެހުންތަކެއް އެބަހުރި،" ރިޔު ހޮޓެލްސްއިން ބުނެފައިވެ އެވެ.

"ރިޔު" ބްރޭންޑަކީ 1959 ވަނަ އަހަރު އުފެދުނު ބްރޭންޑެކެވެ. މި ބްރޭންޑުގެ ދަށުން 100 އަށްވުރެ ގިނަ ހޮޓެލް މިހާރުވެސް އޮޕަރޭޓް ކުރަމުންދެ އެވެ.