ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

ވޯޓްފޮށި ބަހައްޓަން 135 ރިސޯޓަކުން އެދިއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި 135 ރިސޯޓެއްގައި ވޯޓްފޮށި ބަހައްޓަން މިހާތަނަށް އެދިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ކުރިއަތް އޮތް އިންތިހާބުގައި 135 ރިސޯޓެއްގައި ވޯޓް ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަންގައި އެދިފައިވާ ކަމަށާ އެ ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. ކޮންމެ ރިސޯޓެއްގައިވެސް އެއް ވޯޓް ފޮށި ބަހައްޓާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެ އަދަދު އަދި އިތުރު ވެދާނެ ކަމަށެވެ.

ރިސޯޓްތަކުގައި ވޯޓްފޮށި ބަހައްޓަނީ އެކަމަށް އެދި އިލެކްޝަންސް ކޮމިޝަންގައި އެދޭ ރިސޯޓްތަކުގައެވެ. ހުއްދަ ނެތް ރިސޯޓްތަކުގައި މީގެ ކުރިންވެސް ވޯޓް ފޮށި ނުބަހައްޓައެވެ. ނަމަވެސް އެއީ ސިޔާސީ ބޭފުޅުން މީގެ ކުރިން ވަރަށް ފުޅާކޮށް ބަހުސްކޮށްފައިވާ ކަމެކެވެ. ރާއްޖޭގައި ހިންގާ އަދި ދިވެހިން ވަޒީފާގައި އުޅޭ ކޮންމެ ރިސޯޓެއްގައިވެސް އިންތިހާބުތަކާ ދިމާކޮށް ވޯޓް ފޮށި ބަހައްޓަން ލާޒިމު ކުރަން ޖެހޭ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކައުންސިލް އިންތިހާބުގެ ތައްޔާރީތައް ކޮމިޝަނުން ވަނީ ފަށާފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބާއްވަން ޖެހޭ މި އިންތިހާބަށް ގިނަ ތައްޔާރީތަކެއް ވާންޖެހޭއިރު މިއީ ހަރަދު ބޮޑު އަދި ތަކުލީފު ބޮޑު އިންތިހާބަކަށްވާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ކައުންސިލްތަކުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުން ލިސްޓް އާންމުކޮށް، ޝަކުވާ ހުށައަޅަން މިހާރު ވަނީ ފުރުސަތުވެސް ހުޅުވާލާފައެވެ.