ލައިފްސްޓައިލް

ޕެސިފިކް ކަނޑަށް ވެއްޓުނު މީހަކު 14 ގަޑިއިރު ފަހުން ސަލާމަތްވެއްޖެ

ލައިފް ޖެކެޓް ވެސް ނާޅާ ހުއްޓާ ޕެސިފިކް ކަނޑަށް ވެއްޓުނު މީހަކު 14 ގަޑިއިރު ފަހުން ސަލާމަތް ކޮށްފި އެވެ. ގަދަ ފިނީގައި އަދި އެހާމެ ގަދަ ކަނޑުގައި އޭނާ ފެންމަތީގައި އޮންނަން ބޭނުންކުރީ އޮޔާދިޔަ ކުނިގަނޑެކެވެ.

ލިތުއޭނިއާގެ ވިޑާމް ޕެރެވާޓިލޯވް ނަމަކަށް ކިޔާ މި މީހާ އަކީ 'ސިލްވާ ސަޕޯޓާ" ކިޔާ ކާގޯ ބޯޓެއްގެ ފަޅުވެރިއެކެވެ. މި ހިނގާ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަދުވަހުގެ ފަތިހު 4.00ހާއިރު އޭނާ ކަނޑަށް ވެއްޓުނީ ރޭގަނޑު ޝިފްޓްގައި ޑިއުޓީ އަދާ ކުރަން ހުރެފައި ވައި ޖައްސާލަން ބޭރަށް ނުކުމެލިތަނާ އެވެ.

މި ބޯޓަކީ މުދާ ހިފައިގެން ނިއު ޒިލެންޑްގެ އުތުރުގައި އޮންނަ ރަށެއް ކަމަށްވާ ޓަރުންގާއިން ބްރިޓިޝް އޯވަސީސް ޓެރިޓަރީ ޕިޓްކަޔާން އައިލެންޑަށް އަބަދުވެސް ދަތުރުކުރާ ބޯޓެކެވެ.

ލިތުއޭނިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ވިޑާމްގެ ދަރިފުޅު މުރަތު ބުނީ ދަންވަރު ޑިއުޓީގައި އިންޖީނުރޫމުގައި ތެޔޮ ޕަމަޕްކުރަން ހުއްޓާ ކުއްލިއަކަށް ބައްޕަ ބަލިވާހަން ހީވެގެން ވައި ޖައްސާލަން ބޭރަށް ނުކުމެލީ އެވެ. ނަމަވެސް އެހިސާބުން ދެން ވީ ގޮތެއް އަދި ކަނޑަށް ވެއްޓުނު ގޮތެއް ބައްޕަ ހަނދާނުގައި ނެތް ކަމަށް މުރަތު ބުންޏެވެ.

"ބައްޕަ ހުރީ ލައިފް ޖެކެޓެއް އަޅައިގެނެއް ނޫން. އަދި ބައްޕައަށް ހީވާ ގޮތުގައި ބޯޓުގެ ބޭރުގައި ހުއްޓާ އަނބުރައިގަނެގެން ވެއްޓުނުއިރު ކަނޑަށް ވެއްޓުނީ. ބޯޓުގައި ތިބި ފަލުވެރިންނަށް ވިޑާމް ނެތްކަން ފާހަގަކުރެވުނުއިރު އޭނާ ކަނޑަށް ވެއްޓުނުތަނާ ފަސް ވަރަކަށް ގަޑިއިރު ފާއިތުވެއްޖެ އެވެ.

އެހިސާބުން ރޭޑިއޯގެ ޒަރިއްޔާއިން މުޅި އެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދަކަށް އެކަން އެންގީ އެވެ.
އުމުރުން 52 އަހަރުގެ ވިޑާމްގެ ދަރިފުޅު ބުނި ގޮތުގައި ކަނޑަށް ވެއްޓުމުން ހޭރިވެރިކަން ވެސް ދެން އޭނާގެ ބައްޕަ އުޅުނީ ފެންމަތީގައި އޮތުމަށްޓަކައި ހިފަހައްޓައިގެން އޮންނާނެ އެއްޗެއް ފެނޭތޯ އެވެ.

މުރަތު ބުނީ ބައްޕަ ކަނޑަށް ވެއްޓުމުން އެކި ދިމާލަށް ހޯދާ ބަލަމުން ދިޔައިރު ކަޅުކުލައިގެ ތިއްކެއް ކަހަލަ އެއްޗެއް އެތައް ކިލޯ މީޓަރެއްގެ ދުރުގައި އޮއްވާ ފެނުނު ކަމަށެވެ. އެހިސާބުން އެ އެތި ފެނުނު ދިމާލަށް ވިޑާމް ފަތަން ފެށީ އެވެ.

"ބައްޕައަކީ ވަރަށް ފިޓްކޮށް ސިއްހަތު ރަނގަޅުކޮށް ހުންނަ މީހެއް. އެހެންނޫންނަމަ ކަނޑަށް ވެއްޓުމުން މާ ގިނައިރުތަކެއް ނުވެ ގެނބިގެން މަރުވީސް ކަމަށް ލަފާ ކުރެވޭ. އަހަންނަށް ހީވަނީ ބައްޕަ ސަލާމަތްވީ ސިއްހަތު ރަނގަޅުވީމަ ހެން،" މުރަތު ބުންޏެވެ.

ވިޑާމަށް ކަޅު ތިއްކެއް ގޮތަށް ފެނުނީ މަސްވެރިކަން ކުރަން ބޭނުންކުރާ ބޮޔެކެވެ. އޭނާ ސަލާމަތްކުރަންދެން އޮތީ އެ ބޮއިގައި ހިފަހައްޓައިގެންނެވެ.

"އެއީ ބޮޔެއް ނަމަވެސް އޭގެ ވާގަނޑެއް ނެތް. އެހެންވެ އެއީ ކަނޑުގައި އޮޔާދިޔަ ކުނިގަނޑެއް ކަމަށް ބެލެވެނީ،" މުރަތު ބުންޏެވެ.

މުރަތު ބުނި ގޮތުގައި އޭނާގެ ބައްޕަ ސަލާމަތްވާނެކަމުގެ އުންމީދު ކަނޑައެއް ނުލަ އެވެ. ނަމަވެސް ކަނޑަށް ވެއްޓުނު ވަގުތުން ފެށިގެން އިރު އަރާ ރަނގަޅަށް އަލިވަންދެން ނުގެނބި އޮވެވުނީ ވަރަށް މަސައްކަތުން ކަމަށް ބައްޕަ އޭނާ ގާތު ބުނި ކަމަށެވެ.

ވިޑާމް އެ ބޮއިގައި ހިފަހައްޓައިގެން ފެން މަތީގައި އޮއްވާ ދެން ވެސް ދިމާވީ ވަރަށް އާދަޔާޚިލާފުކަމެކެވެ. އޭނާ ހޯދަމުން ދިޔަ 'ސިލްވަ ސަޕޯޓާ" ބޯޓުގެ ފަސިންޖަރަކަށް އިންސާނަކު ވަރަށް ބަލިކަށި އަޑަކުން ހަޅޭއްލަވާހެން ހީވީ އެވެ. އެ ބޯޓުގެ ސްޓާބޯޑު ފަރާތުންނެވެ.
ހަގީގަތުގައި ވެސް އެމީހާއަށް އިވުނީ ވިޑާމް އެހީއަށް އެދި ގޮވާ އަޑެވެ. އެހިސާބުން އޭނާ ހޯދާ ބޯޓަށް ނަގާކަށް މާ ގިނަ ވަގުތެއް ނުނެގި އެވެ.

"އެހާ ކުޑަ ވަގުތުކޮޅެއް ތެރޭގައި ވެސް ބައްޕަގެ ވަރުބަލިވެ ހާލުބޮޑުވެ އުމުރުން ވެސް އިތުރު 20 އަހަރު ފާއިތުވެފައިވާހެން ހީވާ ސިފައެއްގައި އޮތީ،" މުރަތު ބުންޏެވެ.

ފުރާނަ ހުއްޓާ އޭނާ ހޯދާ ސަލާމަތް ކުރެވުނީތީ ވިޑާމް އަށް ވުރެ ވެސް އޭނާ ދަތުރުކުރި ބޯޓުގެ މީހުންނަށް ލިބުނު އުފާ ބޮޑެވެ. އެ ބޯޓުގެ ކެޕްޓަން ބްލިގް ބުނީ ވިޑާމް ސަލާމަތް ކުރެވުނީ އަޖައިބެއް ފަދަ ގޮތަކަށް ކަމަށެވެ.