ހައުސިން ޔުނިޓް

ގެދޮރު އަޅަން 175 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ

ގެދޮރު އަޅަން 175 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ތައްޔާރުވަމުންދާ ކަމަށް މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެންޕެއިން ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހައުސިން ލޯނު ދޫކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. މިފަހަރުގެ ލޯނު ހާއްސަކޮށްފައިވަނީ އަތޮޅުތެރޭގައި އަމިއްލަ ބިން ބިމުގައި ގޯތި އިމާރާތް ކުރުމާއި އިމާރާތް ކޮށްފައިވާ ގެއަކަށް ބައެއް އިތުރު ކުރުން ފަދަ މަސައްކަތްތަކަށެވެ.

އެކަމަށް ހައުސިން ފައުންޑެއް ހަމަޖައްސާފައިވާ ކަމަށާ އެ ފަންޑްގެ އަދަދަކީ 175 މިލިއަން ރުފިޔާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މި ލޯން ކުރިއަށް ގެންދާނީ އެޗްޑީއެފްސީގެ ތެރެއިން،" މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަށް 1.5 ބިލިއަން ރުފިޔާގެ ހައުސިން މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވާއިރު އަންނަ އަހަރުގެ ބަޖެޓްގައި އެ ފައިސާ ހިމަނާނެ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ރޯ ހައުސް އާއި ފްލެޓް އަޅާނެ ކަމަށާ ފްލެޓް އަޅާނެ ރަށްރަށާއި ރޯ ހައުސް އަޅާނެ ރަށްރަށް ދެނެގަނެ އެ ރަށްރަށުގައި ފްލެޓާއި ރޯ ހައުސް އަޅަން ޖެހޭނެ މިންވަރު ދެނެގަތުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމާއެކު ޓެންޑާއަށް ހުޅުވާލާނެ ކަަމަށާ އެ މަޝްރޫއުތައް ކުރިއަށް ގެންދާނީ ދިވެހި ކުންފުނިތަކަށް ހުޅުވާލައިގެން ކަމަށް އަސްލަމް ވިދާޅުވިއެވެ.