ހަބަރު

މިހާ ގިނަ، ނުރައްކާތެރި ހަތިޔާރު ފެނުމުން ޝޮކެއް ލިބިއްޖެ: މައުމޫން

Oct 31, 2015
5

މިހާ ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރުތަކެއް ފުލުހުންނާއި ސިފައިން ހޯދުމުން ޝޮކެއް ލިބިވަޑައިގެންފައިވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބ. ހިބަޅިދޫ އިން ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރާއި ގޮވާތަކެތި ފެނުނުކަން އިއުލާން ކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާ ތަހުގީގު ކުރުމުގެ ތެރޭގައި އެހާ ގިނަ އަދަދަކަށް ނުރައްކާތެރި ހަތިޔާރު ފެނުމުން ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑައިގެންފައިވާ ކަމަށެވެ.

"މި ފެނުނު ހަތިޔާރުތަކާއި އޭގެ ބާވަތަށް ބަލާއިރު އަޅުގަނޑަށް މި ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައި،" މައުމޫން ކުރެއްވި ޓްވީޓްގައިވެ އެވެ.

ފުލުހުންނާއި ސިފައިން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ދައްކާލި ހަތިޔާރުތަކުގެ ތެރޭގައި މެޝިން ގަންއާއި ފިސްތޯލަ އާއި ދުރަށް ޝޫޓް ކޮށްގެން މީހަކު މަރާލެވިދާނެ ޒާތުގެ ބަޑި އާއި އޭގެ ވަޒަނާއި އީއައިޑީ އާއި އެތަކެތި ގޮއްވާލަން ބޭނުން ކުރާ ރިމޯޓް ފަދަ ތަކެއްޗާއި އީއައިޑީ ތައްޔާރު ކުރާނެ ވަޔަރިންނާއި އަތު ބޮމާއި ބޮން ތައްޔާރު ކުރުމަށް ބޭނުން ކުރާނެ ބައެއް މާއްދާތައް ވަނީ އެ ރަށުން ސިފައިން ހޯދަފަ އެވެ. އެތަކެތި ފެނިފައި ވަނީ ކަޅު ދަބަހަކަށް އަޅައ ހިބަޅިދޫގެ ނެރު ކައިިރިން 40 މީޓަރު އަޑިއަށް ގައު އެލުވައި ފައްތާފައި ވަނިކޮށެވެ.

ސިފައިން ބުނީ އިތުރު އޮޕަރޭޝަންތައް ވެސް މިހާރު ކުރިއަށް ދާ ކަމަށެވެ.