މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންނަށް ޗުއްޓީ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

ފުލުހުންނަށް ޗުއްޓީ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

މީޑިއާ އޮފިސަރު މިރޭ ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަނަލް ހާލަތާއި ގުޅިގެން ޗުއްޓީ ހިފެހެއްޓުމަކީ އަބަދުވެސް އަމަލު ކުރަމުން ގެންދާ އުސޫލެއް ކަމަށެވެ. އެގޮތުން ކޮވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮޕަރޭޝަނަލް ލެވެލް، ލެވަލް ދެއަކަށް މަތިކުރެވި އަހަރީ ޗުއްޓީ ދިނުން ހުއްޓާލާފައިވާ ކަމަށެވެ.

"ނަމަވެސް މުވައްޒިފުންނަށާއި އާއިލާގެ މެންބަރުންނަށް ދިމާވާ އިމަޖަންސީ ކަންކަމާ ގުޅިގެންނާއި ކައިވެނި ކުރުން ފަދަ މުހިންމު ކަންކަމާ ގުޅިގެން މިހާރުވެސް ގެންދަނީ ޗުއްޓީ ދެމުން،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ބުނީ ޗުއްޓީގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން އެއްވެސް މުވައްޒިފަކު މިހާތަނަށް ޝަކުވާ ހުށައަޅާފައިނުވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކުގައި ޗުއްޓީގެ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ފުލުހުންގެ މެދުގައި ބޮޑެތި ހިޔާލުތަފާތުންތަކެއް އުފެދި ފުލުހުން ޝަކުވާ ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.