އިގްތިސޯދު

"ލޮނުމަތީގައި ސަރުކާރު ހިނގަނީ އައިސްމަތީ ބުދެއްހެން"

Mar 7, 2021
1

ލޮނު ހާވެސްޓްކޮށް ލޮނުގެ ބޮޑު ބިޔަ އިންޑަސްޓްރީއެއް ދިވެހިންގެ އަތް މައްޗަށް ފައްކާ ކުރަން ޖެހޭ ކަމަށާއި ދިވެހި ސަރުކާރުން އެ މަސައްކަތް ފެށުމަށް، ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސަރުކާރަށް ގޮވާލައްވައިފި އެވެ.

ތަރައްގީގައި ތަފާތު ވިސްނުމެއް ގެންގުޅުއްވާ ވިޝަނަރީއެއް ކަމަށްވާ ޖާބިރު މި މޭރުމުން ވާހަކަފުޅު ދެއްކެވީ އޭނާ އަމިއްލަފުޅަށް އަވަސް އޮންލައިންގެ ހޮޓްލައިނަށް ގުޅުއްވައި މެސެޖެއް ރިކޯޑް ކުރައްވައިގެނެވެ.

ޖާބިރު ވިދާޅުވީ ދުނިޔޭގެ ލޮނާ ނުލައި އުޅެވޭނެ އެއް ގޮތް ނެތް އިރު އަދި ލޮނު ހާވެސްޓް ކުރުމުގެ އެންމެ ފަހި ފުރުސަތުތައް ރާއްޖެއަށް ތޮބީއި ގޮތުން ލިބިފައިވާއިރު ވެސް ދިވެހި ސަރުކާރު ފިރުކެނީ "އައިސްމަތީގައި ހިނގާ ބުދެއް" ފަދައިން ލޮލަކާ ނުލައި އަރިއަކަށް ކަމަށެވެ.

"މި ދިވެހި ރާއްޖޭގައި އޮތީ ހުސް ލޮނު، މިއީ ލޮނުގެ ކްލީން އެންވަޔަރަމަންޓެއް..." އޭނާ ވިދާޅުވި އެވެ. "މިފަހަރަކު އަޅުގަނޑު ނުދަންނަވަން އަޅުގަނޑު މިއުޅެނީ އެކަން ކުރާށެކޭއެއް. އަޅުގަނޑު ދެންނެވީމާ ޖޯކަކަށް ވެދޭ! އަޅުގަނޑުގެ ވާހަކައަކީ މި ދިވެހި ރާއްޖެއަކީ ސަރާސަރަށް ލޮނު ހާވެސްޓް ކޮށް ފައިދާ ބޮޑު އިންޑަސްޓްރީއެއް ދަމާލެވިދާނެ ރާއްޖެއެކޭ، ދިވެހި ސަރުކާރުން އެކަމާ އުޅެންވީ ނޫންހޭ. މިއީ ޕެންޑަމިކެއް [ބަލާއާފަތެއް] ގެ ތެރޭގައި ވެސް ކުރެވޭނެ ކަމެކޭ. މި ސަރުކާރުގެ 'ލޯ އަނދިރި' ކަމުން ލޮނު އިނޑަސްޓަރީއަށް ދާކަށް ވެސް ނޭނގޭ" ޖާބިރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އޭނާ ވ. އަތޮޅުން ލިޔުއްވައިގެން އުޅުއްވާ ބޮޑުމޮހޮރާގެ ފުއްޓަރު ފަރާތުގައި އެކަނި އިނދެ ވިސްނާލައްވާއިރު ދުނިޔޭގެ އެންމެ އަގު ބޮޑު އެންމެ ފްރެޖައިލް ބްރޭންޑްގެ ގޮތުގައި ދިވެހި ޓޫރިޒަމް ދާއިމަށް ވެސް ގެންގުޅެވިދާނެ ކަމަށް ވިސްނި ވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ދިވެހިންނަށް ލިބިފައިވާ ލޮނުގެ ރިސޯސްގެ ބޭނުން ނުހިފާ ތިއްބާ މޮރިޝަސް ފަދަ ގައުމުތައް ޓޫރިޒަމާއެކު ލޮނު އިންޑަސްޓްރީގައި އަރައި އޮބަމުން ދާ މަންޒަރު ވެސް ފެންނަ ކަމަށެވެ.

"އަޅުގަނޑު މި އިންނަނީ އަޖައިބު ހައިރާންވެފައި ދިވެހި ރާއްޖޭގެ ސަރުކާރުގެ ލޯ ކުޑަ ކަމުން! ދިވެހިން ނުކުމެ 'ލޮނުގެ ހަނގުރާމަ' އެއް ކުރަންވީ ވަގުތަކީ މިއީ.... ލޮނު ހާވެސްޓް ކުރުމާއެކު ރިފައިރަނީރީއެއް އުފައްދަންވީ ވަގުތު މިއީ، ސަރުކާރު ލޯ ހުޅުވާނެ އިންތިޒާރުގައި މި އިނީ! ލޮނު ރިވޮލުއިޝަނެއް ދިވެހި ކޮންމެވެސް ލީޑަރަކު ގެންނަން ޖެހޭ!"

ރާއްޖޭގައި ކުރީން ލޮނު ހާވެސްޓް ކުރުމުގެ މަސައްކަތް ފަށައި ކާމިޔާބު ހޯދި އެވެ. ނަމަވެސް ފަހު އަޅައި ނުލެވި އިންވެސްޓް ނުކުރެވި ހުއްޓުމަކަށް ދިޔައީ އެވެ.