ހަބަރު

ވިޔަފާރިވެރިންނަށް ފަސޭހަވާ ގޮތަށް ގާނޫނު ބަދަލު ކުރާނަން: ރައީސް

ރާއްޖޭގައި އުމްރާނީ މަސައްކަތްތައް ހިންގަން ބޭނުންވެފައިވާ ތިބި ދިވެހި ވިޔަފާރިވެރިންނަށް ދަތިވެފައި ހުރި ކަންކަން ފަސޭހަ ކޮށްދިނުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވިޔަފާރިވެރިއެއްގެ އެހީގައި ނ. ކެނދިކުޅުދޫގައި އަލަށް ބިނާކޮށްފައިވާ މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ކަމަކީ އެފަދަ މަސައްކަތްތައް ހިންގަން ބޭނުންވާ ވިޔަފާރިވެރިންނަށް ފުރުސަތުތައް ހުޅުވާލުން ކަމަށެވެ.

ފަސޭހައިން ރާއްޖޭގައި މަސައްކަތް ކުރެވޭނެ މާހައުލަކާއި ގޮތްތައް ހޯދައިދީ ޔަގީންކަމާ އެކު އިންވެސްޓްމަންޓްތައް ރައްކާތެރި ކުރެވޭ ގޮތްތައް ގާނޫނީ ގޮތުން ހޯދައިދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ގާނޫނަށް ގެންނަން ޖެހޭ އެފަދަ ބަދަލުތައް ގެނެސް ދެއްވާނެ ކަމަށެވެ.

"އޭގެ [ސަރުކާރުން ކުރާ މަސައްކަތުގެ] ނަތީޖާ އަޅުގަނޑު ހިތުން މިއަދު ވެސް ފެންނަމުން މި ދަނީ. ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ ވިޔަފާރިވެރިންނަށް ހާއްސަކޮށް، ދަތިވެފައި، އުދަނގޫވެފައި ހުރި ކަންތައްތައް ފަސޭހަކޮށް ދިނުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް އަޅުގަނޑުމެން ގެންނާނަން." ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރަށް އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި މި ސަރުކާރުގެ ޕްލޭނަކީ ވަކި ރަށެއް ތަފާތު ކުރުމެއް ނެތި ރައްޔިތުންނަށް ބޭނުންވެފައިވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެ ގޮތުން ސަރުކާރުގެ "ޖަޒީރާ ރާއްޖެ" ތަސައްވުރުގައި ބައެއް ކަންކަން ފާހަގަ ކުރައްވައި އެ ކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ކެނދިކުޅުދޫގައި ބިނާކުރި އެ މިސްކިތަކީ ޓޫރިޒަމް ވިޔަފާރި ކުރަމުންދާ މުހައްމަދު އުމަރު މަނިކުގެ އެހީގައި އެއް ފަހަރާ 550 މީހުން ނަމާދު ކުރެވޭ ޖާގައާއެކު ބިނާކޮށްފައިވާ މިސްކިތެކެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ރައީސް އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވިއިރު، މިއީ މި ސަރުކާރުގައި ބިންގާ އަޅައި މަސައްކަތް ނިމި އެންމެ ފުރަތަމަ ހުޅުވި މިސްކިތެވެ.