ދުނިޔެ

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން މިމަހު އިންޑިއާއަށް

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން މި މަހުގެ ދެވަނަ ފަނަރައިގައި އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ. މިއީ ރައީސް ޖޯ ބައިޑަން ސަރުކާރުގެ އިސް އޮފިޝަލަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

އޮސްޓިންގެ މިދަތުރުފުޅަކީ އިންޑޯ-ޕެސިފިކް ގައުމުތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޑިފެންސް ސެކްރެޓަރީ ވަޑައިގަންނަވާ ހުރިހާ ގައުމެއް އަދި މީޑިއާއަށް އެނގިފައި ނެތް ނަމަވެސް ބެލެވެނީ ދަތުރުފުޅުގެ ދާއިރާ ފުޅާވާނެ ކަމަށެވެ.

އޮސްޓިން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތު ސިންގްއާ ބައްދަ ލުކުރައްވާނެ އެވެ. އަދި އިންޑިއާއާ ވޮޝިންޓަން ގުޅިގެން އިންޑޯ-ޕެސިފިކް ސަރަހައްދަށް ކަނޑައަޅުއްވާ އަމާޒުތަކަށް ވެސް މަޝްވަރާ ކުރައްވާނެ އެވެ.

އިންޑިއާއަށް ޑިފެންސް ސެކްރެޓަރީ ވަޑައިގަންނަވާއިރު "ކްއަޑް ލީޑާޝިޕް" އިން ވެސް އަންނަނީ ބައްދަލުވުމަކަށް ތައްޔާރު ވަމުންނެވެ. ކްއަޑް ބައްދަލުވުމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިޝަން އަދި ޖަޕާންގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ކްއަޑްއަކީ އޭޝިއާގެ ނޭޓޯގެ ގޮތުގައި ބުނެވޭ އޭލިއަންސްއެކެވެ. މި ޖަމާއަތުގައި ހިމެނޭ ގައުމުތަކަކީ އެމެރިކާ، އިންޑިއާ، އޮސްޓްރޭލިއާ އަދި ޖަޕާނެވެ. މައިގަނޑު ތަސައްވުރަކީ އިންޑޯ-ޕެސިފިކް ސަރަހައްދު ބަލަހައްޓައި، މި ސަރަހައްދުން ޗައިނާ ފައްސާލުމެވެ.

އެމެރިކާއާ އިންޑިއާއަކީ ވަރަށް އެކުވެރި ދެ ގައުމެވެ. މަސްލަހަތު އޮންނަ މުއާމަލާތްތަކުގައި އިންޑިއާގެ ކިބައިން އެމެރިކާ ފައިދާ ވެސް ހޯދަ އެވެ. އިންޑިއާއަށް ބޭނުންވާ ހަތިޔާރު ވިއްކުމުގައި ވެސް އެމެރިކާއިން ޚާއްސަ އިސް ކަމެއް ދެ އެވެ.