އެމްއެންޑީއެފް

ސިފައިންގެ ރިޓަޔާ އުސޫލަށް ބަދަލު ގެންނަން ފާސްކޮށްފި

Mar 8, 2021

ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރާނަމަ އަމަލު ކުރާ ގަވައިދަށް ބައެއް އިތުރު ކުރަން ހިމެނުމަށް ސިފައިންގެ ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފި އެވެ.

ގާނޫނަށް އިސްލާހެެއް ހުށަހެޅުއްވެވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. އަދި އެގޮތަށް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ވަނީ ފާސްކޮށް ދީފަ އެވެ.

މިއަދުގެ ޖަލްސާގެ ތަޅުމުގައި އެ ބިލު ފާސްވީ 48 މެމްބަރުންގެ ވޯޓުންނެވެ،

މިއަދު ފާސްކޮށްފައި ވަނީ ގާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ. މިހާރު އަކުރު (ށ) ގައި ބުނެފައިވަނީ ސިފައިންގެ މީހަކަށް ރިޓަޔާ ކުރެވޭނެ ހަތަރު ގޮތެއް ގަވައިދުގައި ބަޔާން ކުރަން ވާނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ރޭންކަށް ކަނޑައެޅޭ އުމުރު ހަމަވުމާއި ވަކި މުއްދަތަކަށް އެއް މަގާމެއްގައި ހުރުމާއި ސިއްހީ ހާލަތު ތަން ނުދިނުމާއި އަމިއްލައަށް ބޭނުންވުމެވެ.

އާ އިސްލާހުގައި ބޮންޑޭ ހުށަހެޅުއްވީ ދެ ކަމެއް އިތުރު ކުރާށެވެ. އެއީ ސިފައިންގެ ފޯސް ސްޓްރަކްޗާ ދެމެހެއްޓުމަށް ރިޓަޔާ ކުރެވޭ ގޮތް ހެދުމާއި ސިފައިންގެ ވަޒީފާގައި އެންމެ ގާބިލު މީހުން ބޭތިއްބުމަށް އިސްކަން ދިނުމަށް ރިޓަޔާ ކުރެވޭ ގޮތް ހެދުމެވެ.