މުހައްމަދު މަލީހު ޖަމާލް

އިދިކޮޅުގެ ކެމްޕޭނަށް ދިޔައީ ރިޔާސީ ނިޒާމް ދިފާއުކުރަން: މަލީހު

އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) އިން ލޯކަލް ކައުންސިލް އިންތިހާބަށް އަމާޒުކޮށް ފަށާފައިވާ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން އެކުގައި މަސައްކަތް ފެއްޓެވީ ރާއްޖޭގައި ވެރިކަން ހިންގާ ރިޔާސީ ނިޒާމް ދިފާއު ކުރުމުގެ ބޭނުމުގައި ކަމަށް ކުރީގެ ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅު ވެއްޖެ އެވެ.

މަލީހަކީ ކުރީން އޮތް ޕީޕީއެމްގެ ސަރުކާރުގައި ވެސް ވަޒީރުކަން ކުރެއްވި އަދި އެ ޕާޓީ ވެރިކަން ހޯދި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުހިންމު ދައުރެއް އަދާ ކުރެއްވި ބޭފުޅެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަލީހު ވަކި ކުރެއްވީ އެވެ. އޭގެ ފަހުން އޭނާ ގުޅި ވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. މި ސަރުކާރުގައި ވަޒީރު ކަމަށް އޭނާ ވަޑައި ގެންނެވީ ޖުމްހޫރީ ޕާޓީގެ ތެރެއިންނެވެ. އަދިވެސް އޭނާ އަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

މި ސަރުކާރުގެ ސައިންސް މިނިސްޓަރު ކަމުން މަލީހު ވަކި ކުރީ މިދިއަ ހަފުތާގެ ތެރޭގަ އެވެ. އެކަމަކު ރޭ އޭނާ ވަނީ ޕީޕީއެމުން ކައުންސިލް އިންތިހާބުގައި ފުވައްމުލަކުގެ ދާއިރާއަކަށް ވާދަ ކުރައްވާ ކެންޑިޑޭޓެއްގެ ކެމްޕޭން ޖަގަހަ އިފްތިތާހު ކުރަން ބޭއްވި ހަފުލާއެއްގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

މަލީހު މިއަދު "އަވަސް" އަށް ދެއްވި ކުރު އިންޓަވިއުއެއްގައި ވިދާޅުވީ އިދިކޮޅުގެ ކެމްޕޭން ހަރަކާތެއްގައި ބައިވެރިވެ ވަޑައިގެންނެވި އެއް ސަބަބަކީ އޭނާއަކީ ވެސް ފުވައްމުލަކަށް ނިސްބަތްވާ ބޭފުޅަކަށްވެ ވަޑައިގަތުން ކަމަށެވެ. އެކަމަކު ވިދާޅުވީ އެ ކެމްޕޭންގައި އޭނާ ބައިވެރިވެ ވަޑައިގެންނެވި އެންމެ މުހިންމު ސަބަބަކީ ރާއްޖެ، ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށް ބަޔަކު ކުރާ މަސައްކަތް ހުއްޓުވުން ކަަމަށެވެ.

މަލީހުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ދުރު ކުރީވެސް ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވާހަކަ ދެއްކެވުމުން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވަ އެވެ.

މަލީހު މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ރަނގަޅު ކާމިޔާބެއް ވެއްޖެނަަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުދުމުހުތާރުކަން އިތުރުވެ ބަރުލަމާނީ ނިޒާމަށް ރާއްޖެ ފޮރޮޅައިލަން މަގު ފަހި ވެގެން ދާނެ ކަމަށާއި އެހެންވެ އިންތިހާބުގައި މަލީހު ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ވާދަ ނުކުރާ ދާއިރާތަކަށް ވާދަ ކުރާ ޕީޕީއެމަށް ގޮނޑިތައް ހޯދައި ދިނުމަކީ އޭނާގެ އަމާޒެއް ކަމަށެވެ.

"ރައީސް ނަޝީދަކީ އެމްޑީޕީ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް... ޖޭއެސްސީގެ ރައީސް ހިސާނަކީ ނަޝީދުގެ ޕަޕެޓެއް. ދެން ލޯކަލް ގަވާމަންޓް އޮތޯރިޓީގެ މެމްބަރުކަން ނަޝީދު ބޭނުން ވަނީ. ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން އެމްޑީޕީން މިހާރު އެ ހުރީ ވަރަށް އަވަސް އަރުވާލައިފައި. އޭގެ ބޭނުމަކީ ބަރުލަމާނީ ނިޒާމަށް ފުރޮޅައިލުން" މަލީހު ވިދާޅުވި އެވެ.