ގދ. އަތޮޅުގެ ތަރައްގީއަށް ކުރައްވާ މަސައްކަތުގައި އެންމެ ބޮޑު އަހައްމިއްޔަތު ކަމެއް ދޭނީ ތައުލީމު ކުރި އެރުވުމަށާއި ސިއްހީ ނިޒާމުގެ ކަންކަން ރަނގަޅު ކުރަން ކަމަށް އެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބު ވެވަޑައިގަތް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެންޑިޑޭޓް ހަސަން ފައިހަތު ގުދުރަތުﷲ ވިދާޅުވެއްޖެ އެވެ.
އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ފައިހަތު ވިދާޅުވީ އޭނާ އެ މަގާމަށް ކުރިމަތިލީ އެފަދަ މަގާމެއްގެ ޒިންމާ ފުރިހަމަ އަށް އަދާކޮށް ހަމަ ހަމަ ކަމާއި އެކު ރައްޔިތުންނަށް ހިދުމަތް ކޮށްދެވޭނެ ކަމުގެ ޔަގީންކަމާއި އެކު ކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުގެ ކަންކަން އޮތް ގޮތާއި އުސޫލުތައް ވެސް އެނގިގެން ކަމަށެވެ. އެގޮތުން ތަނެއްގެ ތަރައްގީއަށް އެންމެ މުހިއްމުވާނީ އަސާސީ ކަންކަމަށްވާ ތައުލީމީ ނިޒާމު ކުރިއެރުވުމާއި ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުވެފައިވުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެންމެ ބޮޑު އިސްކަމެއް ތައުލީމަށް ދެއްވަން ފައިހަތު ނިންމަވައިގެން ހުރި އިރު އޭނާ ވިދާޅުވީ ރަނގަޅު ތައުލީމެއް ދެވޭނީ ރަނގަޅު ކޮލިޓީ ޓީޗަރުން ލިބިގެން ކަމަށާއި މެނޭޖްމެންޓް ރަނގަޅު ކޮށްގެން ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ، އެންމެ ކޮލިޓީ ޓީޗަރުން ފޯރުކޮށްދޭން މަސައްކަތް ކުރައްވާމެ ކަމަށާއި ސްކޫލުތަކުގައި ރަނގަޅު މެނޭޖްމެންޓެއް އޮތްތޯ ކަށަވަރު ކުރާނެ ކަމަށެވެ.
ސިއްހީ ނިޒާމު ރަނގަޅު ކުރަން ސިއްހީ މާހިރުންނާއި މަޝްވަރާކުރާނެ ކަމަށް ވެސް ފައިހަތު ވިދާޅުވި އެވެ. އެގޮތުން އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އެދެވޭ ގޮތެއްގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަކީ އޭނާގެ އެންމެ ބޮޑު އެއް އަމާޒުކަމަށް ވެސް ވިދާޅުވި އެވެ.
ފައިހަތު ވިދާޅުވީ އެ އަތޮޅަށް ހިދުމަތް ކުރަން، ލިބެން ހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފާނެ ކަމަށެވެ. އަދި ކޮންމެ ފިކުރެއްގެ ބަޔަކާއި އެކުވެސް މަސައްކަތް ކުރުމުގެ ގާބިލުކަން އޭނާގެ ހުރިކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ހަމަ ހަމަ ކަމާއި އެކު ހިދުމަތް ކޮށްދޭނެ ކަމަށް ވިދާޅުވި އިރު ފައިހަތު އެންމެ ފުރަތަމަ ކުރަން ކަނޑައަޅުއްވާފައިވާ މަސައްކަތަކީ، އަތޮޅުގެ ކޮންމެ ރަށެއްގެ ކައުންސިލް އާއި މަޝްވަރާކޮށް އެ ރަށް ރަށުގެ ޕްލޭންތަކަށް ބަލާ މުޅި އަތޮޅަށް މާސްޓާ ޕްލެނެއް ތައްޔާރު ކުރުމުގެ މަސައްކަތެވެ.