ރައީސް މުހައްމަދު ނަޝީދު

އިދިކޮޅުން ކުރަނީ މުޒާހަރާއެއް ނޫން، ލާހުރޭނީ: ނަޝީދު

އިދިކޮޅު ޕްރޮގްރެސް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތްތަކަކީ އެކައްޗަކަށްވެސްވާ ހަރަކާތެއް ނޫން ކަަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މިރޭ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އިދިކޮޅު ޕާޓީތަކުން މަގުމަތީ ހިންގާ ސިޔާސީ ހަރަކާތްތަކަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ މުޒާހަރާ ކަމަށް ބުނެ އިދިކޮޅުން ހިންގާ ހަރަކާތުން ފެންނަނީ ހައެއްކަ މީހުން ކަމަށާއި އެއީ މުޒާހަރާއަކަށް ނުވެ މަގުމައްޗަށް ނުކުންނަ ހައެއްކަ މީހުން "ލާހުރެނީ" ކަމަށެވެ.

ނަޝީދު ވިދާޅުވީ އިދިކޮޅުން މަގުމައްޗަށް ނުކުމެ އެއްޗަކަށް ނުވާ ކަމެއް ކުރާއިރު ފުލުހުންގެ ވަރަށް ގިނަ ވަގުތު ގެއްލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ހައެއް މީހުން ހުއްޓުވަން ގިނަ ފުލުހުންތަކެއް ނެރެންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.

"މަގުމަތީގައި ހައެއްކަ މީހުން އެބަ 'ލާހޫރޭ'... ބުނަނީ މުޒާހިރާއޭ. މުޒާހިރާއަކަށް ނުވެސްވޭ. އަދި ހަގީގަތުގައި އެކައްޗަކަށް ވެސް ނުވޭ. ހައެއްކަ މީހުން މަގުމައްޗަށް ނިކުމެ 'ލާހޫރު' ން އެއީ އަޅުގަނޑުމެން ނުދެކެން އެއްވެސް ހާލެއްގައި މުޒާހަރާއެއް ކަމަކަށް. ދެން ވަރަށް ފުލުހުންގެ ވަގުތުތައް ނަގާލަން ޖެހޭ ކަމާއި ފުލުހުން އެތަންތަނުގައި ތިބެން ޖެހޭ ކަމީ. ދެން އަޅުގަނޑުމެންނަށް އެނގޭ ހައެއްކަ މީހުން ބަލަހައްޓަން ފުލުހުން ނެރެގެން އުޅޭކަން ނުވެސް ޖެހޭކަން،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅުގެ ހަރަކާތައް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ. ރައްޔިތުން ތިބީ އެމްޑީޕީއާއެކު ކުރިއަށްދާން ކަމަަށެވެ. އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ރައްޔިތުން ގަބޫލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކިތަންމެ ވަރެއްވިޔަސް ވެސް ރައްޔިތުންނަށް މިއަދު ސާފުވެފައި އޮތް ހަގީގަތަކީ ސަލާމަތްތެރިކަމާއެކީގައި ވިސްނުންތެރިކަމާއެކީގައި ބުއްދިވެރި ކަމާއެކީ ދިވެހިން ޖަހަން ބޭނުންވާ 'ޖަންޕު' ޖެހޭނީ އެމްޑީޕީއާ އެކީގައިކަން. އިރާދަކުރެއްވިއްޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި އަޅުގަނޑުމެން އެ 'ޖަންޕް' ޖަހާނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެސް ވިދާޅުވީ ކައުންސިލް އިންތިހާބު 80 ޕަސެންޓް ވޯޓާއެކު ފަސޭހަކަމާއެކު ކާމިޔާބު ކުރާނެ ކަމަށެވެ.