ހަބަރު

އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުން ފަސްކޮށްފި

Nov 1, 2015

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހެޅުން ފަސްކޮށްފި އެވެ. ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ ބަޖެޓް ހުށަހަޅުން ފަސްކުރީ "ފިނިފެންމާ" ގައި ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ކަމަށާއި ބެޖެޓް ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައިވާނެ ކަމަށާއި ދެން ބަޖެޓް ހުށަހަޅާނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ.

"އަވަސް" އަށް ޖިހާދު ވިދާޅުވީ ބަޖެޓު ލަސްވުމުގެ ސަބަބުން އެއްވެސް މައްސަލައެއް ދިމަލެއް ނުވާނެ ކަމަށެވެ.

"އެކަން މިހާރު ވާނީ މަޖިލީހަށް އަންގާފަ. ބަޖެޓު ލަސްވެގެން މިދަނީ މިހާރު ކުރިމަތިވެފައިވާ ހާދިސާގެ ސަބަބުން،" ޖިހާދު ވިދާޅުވި އެވެ.

ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ހުށަހަޅަންޖެހެއެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ މަޖިލީހުން ފާސްކޮށްފައިވާއިރު މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 17.9 ބިލިއަން ރުފިޔާއެވެ.