ހައްޖުގެ އަޅުކަން

މެލޭޝިއާއަށް ހައްޖު ކޯޓާ ސައުދީން އިތުރުކޮށްދީފި

މެލޭޝިއާއަށް މި އަހަރު ސައުދީން ހައްޖު ކޯޓާ އިތުރު ކޮށްދީފި އެވެ. މެލޭޝިއާ ނޫސްތަކުން ބުނީ ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައި ބޮޑުވަޒީރު މުހްޔުއްދީން ޔާސިން އެކަމަށް އެދިވަޑައިގެންނެވި ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވި ކަމަށް މެލޭޝިއާ ނޫސްތަކުގައި ބުނެފަައި ވަނީ މިއަހަރު ލިބިލެއްވީ 10،000 ކޯޓާ ކަމަށެވެ. މިއީ ކޮވިޑްގެ ހާލަތުގައި މެލޭޝިއާއަށް ކޯޓާ ލިބުނުވަރު ކަމަށާއި އާންމު ހާލަތުގައި 31،600 ކޯޓާ ލިބޭ ކަމަށެވެ. އަދި ދުނިޔެ އާންމު ހާލަތަށް ރުޖޫއަވާހާ އަވަހަކަށް ފުރިހަމަ އަދަދަށް ކޯޓާ ލިބޭނެ ކަމަށެވެ.

ސައޫދީއަށް ޝުކުރުއަދާކުރައްވައި ބޮޑުވަޒީރު ވިދާޅުވި ގޮތުން މެލޭޝިއާ ހައްޖުވެރިންނަށް ސައޫދީން މިއަހަރު މަރުހަބާކިޔާނެ އެވެ. އަދި ހައްޖުވެރިންނަށް ދަތިވާ ކަންތައްތަކުގައި މެލޭޝިއާއަށް އެހީތެރިވެދޭނެ އެވެ.

މިއީ ކޮވިޑް ލައިގަތްފަހުން ޖައްޖު އަދާކުރެވޭ ދެވަނަ ފަހަރެވެ. މިދިއަ އަހަރު ސައޫދީން ބޭރު އެއްވެސް ގައުމަކަށް ކޯޓާދީފައި ނުވެ އެވެ. އެހެން ނަމަވެސް، ސައޫދީގެ ވިސްނުން ހުރީ މިއަހަރު ކޯޓާދޭ އަދަދު މަދުކޮށްގެން ނަމަވެސް ފުރުސަތުދިނުމަށެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މުހްޔުއްދީން ޔާސިން ސައޫދީ އަރަބިޔާއަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރުގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާއާ ބައްދަލުކުރައްވައި އެއްބަސްވުންތަކެއް ގައި ސޮއިކުރެއްވި އެވެ. އޭގެ ތެރޭގައި ދެގައުމު ދެމެދުގައި ދަތުރުފަތުރުކުރުމާ ބެހޭ އެއްބަސްވުމެއް ވެސް ހިމެނެ އެވެ. އަދި ހައްޖާ އުމްރާއަށް ދަތުރުކުރާ މީހުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުން ވެސް ހިމެނެ އެވެ.