އެމެރިކާގެ ރައީސް ޖޯ ބައިންޑަންއަކީ ކުއްތާ ގެންގުޅުއްވަން ވަރަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށްވެ އެވެ. ރައިސް ކަމަށް ހޮވިވަޑައިގަތުމުން ވެސް އެ ވާހަކަތައް ދެކެވުނެވެ. އަދި ކުއްތާއާއެކު ކުޅުއްވަނިކޮށް އަރިއަޅާލައި ވެއްޓިވަޑައިގެން ބައިޑަންގެ ތަނބިކަށީގައި ވަނީ ރެނދެއް ވެސް ލާފަ އެވެ.
މިހާރު އަނެއްކާ އެހެން ވާހަކަ އެކެވެ. ބައިޑަން ދެ ކުއްތާ ގެންގުޅުއްވަ އެވެ. އެއީ މޭޖާ އަދި ޗޭމްޕް އެވެ. ބައިޑަން ވައިޓް ހައުސްއަށް ވަޑައިގަތީ ދެ ކުއްތާ ގޮވައިގެންނެވެ. އެކަމަކު މިހާރު އަޑުއި ވެނީ މި ދެކުއްތާ ވައިޓް ހައުސްއިން ނެރެ އެހެން ތަނަކަށް ގެންދަން އުޅޭ ވާހަކަ އެވެ. އެއީ ވައިޓް ހައުސްގައި ހިނގި ހާދިސާއެއްގައި މޭޖާއޭ ކިޔާ ކުއްތާ މީހެއްގެ ގައިގައި ދަތްއަޅައި ޒަހަމް ކޮށްލުމާ ގުޅިގެންނެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅު ވަނީ ދެ ކުއްތާ ފޮނުވާލަނީ ކުރިން އުޅުނު ސަރަހައްދަށް، ޑެލަވެއާގައި އުޅޭ ބައިޑަންގެ ތިމާގެ މީހުން ގާތަށް ކަމަށެވެ. އެހެން ނަމަވެސް ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް ވައިޓް ހައުސްއަށް ގެންނާނެ ކަމަށެވެ.
ޖެން ސާކީ ވިދާޅުވި ގޮތުން މި ހާދިސާ ހިނގަން މެދުވެރިވީ މޭޖާއަށް އޮޅިގެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުނު ވެށި ވަރަށް ބޮޑަށް ތަފާތުވެ އަދި ކުއްތާތަކަށް އޮންނަ ޕްރޮޓޮކޯލް ތަފާތު ވެގެންނެވެ. އުޅޭ މާހައުލު އެހާ ބޮޑަށް ތަފާތުވުމުން ކުއްތާއަށް އުފާވެރިކަން ގެއްލި ޕްރެޝަރަށް އަރައިގެން މީހެއްގެ ގައިގައި ދައިގަނެވުނީ ކަމަށެވެ.
ވައިޓް ހައުސްގައި މިވަގުތު ބައިޑަންއަށް ކުއްތާ ބަލަހައްޓަ އިދޭނެ ގާތް މީހަކު ވެސް ނެތީ އެވެ. އަނބިކަނބަލުން އުޅުއްވަނީ ދަތުރުފުޅެއްގައި މިލިޓަރީ މަރުކަޒުތަކަށް ޒިޔާރަތް ކުރެއްވުމުގަ އެވެ. ޖެން ސާކީ ވިދާޅުވީ އަނބިކަނބަލުން އެނބުރި ވަޑައިގަތުމުން ޕްރޮޓޮކޯލް ބަދަލު ކުރައްވާނެ ކަމަށެވެ ވައިޓް ހައުސްއަށް އެ ދެކުއްތާ ގެންނާނީ އެއަށް ފަހު ކަމަށެވެ.