ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ކޮވިޑް ވެކްސިން ޖަހަން ދިގު ކިޔޫތަކެއް

ރާއްޖޭގެ ކޮވިޑް ވެކްސިން ޕްރޮގްރާމްގައި ފުރަތަމަ ޑޯޒް ޖެހުން މާދަމާ ބަންދު ކޮށްލާތީ މާލޭ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ސެންޓަރުތަކަށް ބާރު ބޮޑުވެ ދިގު ކިޔޫތަކެއް ހަދައިފި އެވެ. ފުރަތަމަ ޑޯޒާ ގުޅުވައި އެޗްޕީއޭގެ އެ ނިންމުން އައީ މިދިއަ ހަފުތާގެ ތެރޭގަ އެވެ. އޭގެ ފަހުން މިދިއަ ބުރާސްފައްޗާއި ހޮނިހިރު ދުވު ސެންޓަރުތަކަށް ބާރު ބޮޑުވި އެވެ.

މާދަމާއަކީ ފުރަތަމަ ޑޯޒްގެ ފަހު ދުވަހަށްވާތީ މިއަދު ހެނދުނުއްސުރެ ހުރިހާ ސެންޓަރުތަކެއްގައި ވެސް ކިޔޫ އެބައޮތެވެ.

މާލޭ ސިޓީގައި ވެކްސިން ޖަހައި ދެނީ އަމިއްލަ ހޮސްޕިޓަލްތައް ކަމަށްވާ ޓްރީޓޮޕާއި އޭޑީކޭ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި މާލޭގެ ސޯޝަލް ސެންޓަރާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން އިސްމާމީ މަރުކަޒުގަ އެވެ. މި ހުރިހާ ތަނެއްގައި ވެސް މިއަދު މީހުން ގިނަ އެވެ.

މާދަމާ ފުރަތަމަ ޑޯޒް ޖެހުން ހުއްޓާލި ނަމަވެސް އެޗްއީއޯސީން ބުނީ ހާއްސަ އިސްކަމެއް ދޭ ފަރާތްތައް ކަމަށްވާ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުނަށް އަދިވެސް ފުރަތަމަ ޑޯޒް ޖަހައިދޭނެ ކަމަށެވެ. އެފަދަ ވަރަށް ގިނަ ބަޔަކު ވެސް ވަނީ ވެކްސިން ޖަހާން ފަށަފަ އެވެ.

ރާއްޖޭގައި ޖަހާ ކޮވިޑް ވެކްސިނަށް އެމްއެފްޑީން ހުއްދަ ދީފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ. ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ފެބުރުއަރީ އެއްވަނަ ދުވަހު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ދުވަހު މާލެ އާއި އުތުރުގެ ކުޅުދުއްފުށި ސިޓީ އައި ދެކުނު އައްޑޫ ސިޓީން 282 މީހަކު ކޮވިޑް ވެކްސިން ޖެހި އެވެ. އޭގެ ތެރޭގައި ސަރުކާރާއި ދައުލަތުގެ އިސްވެރިންނާއި މަގަތު ސަފުގެ ހިދުމަތްތެރީން ހިމެނެ އެވެ.

އާންމުންނަށް ވެކްސިން ޕްރޮގްރާމް ހުޅުވާލުމުން ވެކްސިން ސެންޓަރުތަކަށް ގިނަ ބަޔަކު ޖަމާވެ ވެކްސިން ޖެހި އެވެ. ނަމަވެސް އެކި އުމުރުފުރާތަކުގެ ބޮޑުބައެއް ނިމުމުން ވެކްސިން ޖަހަން ސެންޓަރުތަށް ދާ މީހުން މަދުވި އެވެ. އޭގެ ފަހުން ހުކުރު ދުވަސް ފިޔަވައި މިދިއަ ތިން ދުވަހު ސެންޓަރުތަކުގައި ބައިބޯވީ މާލޭ ސަރަހައްދުގައި ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިދޭނެ ފަހު ތާރީހަކީ މާދަމާ ކަމަށް ނިންމުމުންނެވެ. އުމުރު ފުރާތައް ނިންމި މިހާރު 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ވެކްސިން ޖެހެ އެވެ.

މި ނިންމުމާއެކު ކިޔޫ ހަދާފާއިވާއިރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ރެކޯޑް އަދަދަކަށް ވެކްސިން ޖަހާފަ އެވެ. އެ ދުވަހު 11،474 މީހުން ވެކްސިން ޖެހި އެވެ. އެއީ މާލޭ ސަރަހައްދުން 6،015 މީހުނާއި އަތޮޅުތަކުގެ ތެރެއިން 5،459 މީހުނެވެ. އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުން 111،695 މީހަކު ކޮވިޑް ވެކްސިން ޖަހާފައި ވެއެވެ. ރަށްރަށުން 86،511 މީހަކު ވެކްސިން ޖަހާފައި ވެއެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާއިން ހަދިޔާކޮށްފައިވާ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން، ކޮވިޝީލްޑެވެ. ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން އިންޑިއާ އިން ހިލޭ ލިިބިފައިވާއިރު، އިތުރު 100،000 ޑޯޒް ވަނީ ހަދިޔާ ކޮށްފަ އެވެ. އަދި ސަރުކާރުން ވަނީ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއާއެކު މިދިއަ ޑިސެމްބަރު 31 ގައި އެއްބަސްވުމަށް ފަހު ކުއްލި ގޮތަކަށް އިންޑިއާގެ ސީރަމް ކުންފުނިން ވެކްސިން ގަންނަން މިދިިއަ ހަފުތާގައި ނިންމާފަ އެވެ.

ޗައިނާ ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާފައި ވެއެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވެކްސިން ދޭށެވެ. އެހެން ނަމަވެސް މިހާރު ޕްރޮގްރާމް ކުރިޔަށް ދާ ގޮތުން އެ އަމާޒަށް ވާސިލް ވެވިދާނެތޯ އާންމުން ސުވާލު އުފައްދަ އެވެ.