ލަ ލީގާ

މެސީގެ ރެކޯޑް މެޗާއެކު ބާސާ، އެތުލެޓީއާ ކައިރިއަށް

އެފްސީ ބާސެލޯނާގެ ޖޯޒީގައި، ކެޕްޓަން ލިއޮނެލް މެސީ ކުޅުނު 767 ވަނަ މެޗުގައި، ހުއެސްކާ 4-1 ން ބަލިކޮށް، ބާސެލޯނާއިން އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ކައިރިއަށް ޖެހިލައިފި އެވެ.

ބާސާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް އަކީ ބާސާއަށް އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. ރޭ މެސީ ކުޅުނު މެޗާއެކު އޭނާ ވަނީ ޒަވީ އާ އެއް އަދަދަކަށް މެޗު ކުޅެފަ އެވެ. މެޗުގައި އެހެން ކުޅުންތެރިޔެއްގެ ޝޯއަކަށް މެސީ މަޑެއް ނުކުރެ އެވެ. ދެ ލަނޑު ޖެހި މެޗުގައި ބާސާއަށް ފުރަތަމަ ލީޑް ނަަގައިދިނީ ވެސް އޭނާ އެވެ. މެޗު ފެށިގެން 13 ވަނަ މިނެޓްގައި ސާޖިއޯ ބުސްކެޓް ތަނަަވަސް ކޮށްދިން ފުރުސަތކުން ބާސާއަށް މެޗގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނެވެ.

އަނެއް ދެ ލަނޑު ކާމިޔާބު ކުރީ، އެންޓްއާން ގްރީޒްމަން އަދި އޮސްކާ މިންގުއޭޒާ އެވެ. ބާސާގެ ހަތަރު ވަނަ ލަނޑު މެސީ ކާމިޔާބު ކުރީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ. ހުއެސްކާގެ ލަނޑު ރަފާ މިރު ކާމިޔާބު ކުރީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އަކުންނެވެ.

ބާސާ މެޗުން މޮޅުވުމުން އެ ޓީމު ވަނީ އެތުލެޓިކޯ އާ ހަތަރު ޕޮއިންޓާ ކައިރިއަށް ޖެހިލާފަ އެވެ. އަދި ވާދަވެރި ރެއާލް މެޑްރިޑާ ދެ ޕޮއިންޓް ފެއަށް ބާސާ ވަނީ ޖެހިފަ އެވެ.