ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މާލޭ ސަރަހައްދުގެ ކާފިއު

ކޮވިޑް ފިޔަވަޅުތަކަށް އަދި ލުޔެއް ނެތް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިވަގުތަށް ދެވޭނެ އިތުރު ލުޔެއް އަދި ނެތް ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ބުނެފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާން ފެށުމުން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 8.30 އިން ފެށިގެން ފަތިހު 4.30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކުރީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުއެވެ. އަދި ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް ކާފިއު ހިންގަން ނިންމިއެވެ.

ނަމަވެސް އޭގެ ފަހުން ފިޔަވަޅުތައް ހަރުކަށިކޮށް އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ކަސްރަތު ކުރާ މީހުންނާއި އުމުރުން ދުވަސް މީހުންނަށް ފިޔަވައި، ޕާކުތައްވެސް ވަގުތީ ގޮތުން ބަންދުކުރަން އަންގާފައިވާއިރު، ގިނަ ބަޔަކު އެއްވެގެން ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތްތަކާއި ޓީމު ކުޅިވަރުތައް ވެސް ވަނީ މަނާކޮށްފަ އެވެ. އަދި ކުރު މުއްދަތަކަށް ޒަރޫރީ ބޭނުމެއްގައި އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ކޮވިޑް-19 އިގެ ނެގެޓިވް ޕީސީއާރު ނަތީޖާއެއް ބޭނުންވާނެކަމަށް އެޗްޕީއޭއިން ހަމަޖައްސާފައިވާއިރު ނާސަރީ އާއި ޕްރީ-ސްކޫލް ހިދުމަތްދޭ ތަންތަން ވަނީ ބަންދުކޮށްފައެވެ. ޔުނިވާސިޓީތަކާއި ކޮލެޖުތައް އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ އަންގައިފަ އެވެ.

މިހާރުވެސް ޕާޓީތަކާއި ހަފްލާތައް އަދި ރަސްމިއްޔާތުތައް ބޭއްވުންވެސް މަނާކޮށްފައިވާއިރު، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ މީހުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރުމަށްވެސް ވަނީ ނިންމާފައެވެ. ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރުއްވި އެންގުމުގައި ބުނެފައިވަނީ މި ފިޔަވަަޅުތައް ހަފްތާގެ މުއްދަތަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ ކޮންމެ ފިޔަވަޅަކީވެސް ބަލި ކޮންޓްރޯލް ކުރަން މުހިންމު ފިޔަވަޅެއް ކަމަށާ ނަމަވެސް ބަލި ކޮންޓްރޯލް ކުރެވޭނީ ފިޔަވަޅުތަކަށް ބޯލަނބާ މިންވަރަކުން ކަމަށެވެ. ދިވެހިން ކޮވިޑްގެ ތިންވަނަ ރާޅެއްގެ ތެރޭގައި ތިބިއިރު ފިޔަވަޅުތަކާއެކު މާބޮޑަށް ހާލަތު ގޯސްނުވެ ހިފަހައްޓާލެވިފައިވާ ކަމަށާ ނަމަވެސް މިއީ މިހާރު ހުރި ފިޔަވަޅުތަކަށް ލުއި ދެވޭނެ ހާލަތެއް ނޫން ކަމަށެވެ. ޝަހީދު ވިދާޅުވީ ފިޔަވަޅުތަކަށް ލުޔެއް ނެތް ނަމަވެސް ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"މުޖްތަމައުގެ ތެރޭގައި ކޮވިޑް އަދިވެސް ކަންބޮޑުވާން ޖެހޭ މިންވަރަކަށް އޮތް ކަމަށް އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ. އެހެންވީމަ މިވަގުތަށް އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތައް މިހާރު މިހުރި ލެވެލްގައި ކުރިއަށް ގެންދަން ޓެކްނިކަލް ޓީމުން ނިންމާފައި އޮތީ. ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރާކަށް ގަސްތެއް ނުކުރަން މިދަނޑިވަޅަކު،" ޑރ. ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ ކޮވިޑްގެ އެންމެ ގިނަ ބަލި މީހުން ފެނުނީ ފެބްރުއަރީ ފަހު ހަފްތާގައި ނަމަވެސް މިދިޔަ ދެ ހަފްތާގައި ޕޮޒިޓިވް އަދަދު ދަށް ކުރެވިފައިވާ ކަމަށެވެ. މިދިޔަ މަހުން ފެށިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އަދިވެސް ހުރީ މަތީގައި ކަމަށް ޝަހީދު ވިދާޅުވިއެވެ.