ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް މާލެ ވަޑައިގެންފި

ބަންގްލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރާއްޖެ ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ބަންގުލަދޭޝްއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހްމަދާއި ދިވެހި ސަރުކާރުގެ އިސް އޮފިޝަލުންގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ދެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ގަތަރަށެވެ. ރައީސުލްޖުމްހޫރިއްޔާ ގަތަރަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ އެންމެބޮޑު ބޭނުންފުޅަކީ މެދުކަނޑާލާފައިވާ ގަތަރާއި ރާއްޖޭގެ ސިޔާސީގުޅުން އަލުން ގާއިމުކުރުން ފާހަގަކުރެއްވުމާ، ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ.

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްޘާނީ އާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ.

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެން ވަޑައިގެންނެވީ ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށެވެ. މި ފުރަމާނަ ދަތުރުފުޅުގައި ބަންގްލަދޭޝްއަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ގައުމުގެ ފުރަތަމަ ރައީސް އަދި މިނިވަންކަމުގެ ބާނީ ބަންގަބަންދު ޝެއިހް މުޖީބުއްރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ކުރިޔަށްގެންދިޔަ ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ބައްދަލުކުރައްވައި ދެ ގައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައެވެ. އަދި ހަތަރު ދާއިރާއަކުން އެއްބަސްވުންތައް ގާއިމު ކުރެއްވިއެވެ.