ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ.
އެގޮތުން ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ވަޑައިގެންނެވީ ގަތަރުގެ ވެރިރަށް ދޯހާއަށެވެ. ރައީސް ސޯލިހް ވަނީ ދޯހާގައި ކުރިޔަށްދިޔަ އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި ވާހަކަފުޅު ދައްކަވާފަ އެވެ.
މި ކޮންފަރެންސްގެ ހަވާސާގައި ރައީސް ސޯލިހް ވަނީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވާފަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހް ވަނީ ސީޝެލްސްގެ ރައީސް އާއި، ފަލަސްޠީނުގެ ރައީސް އާއި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޓިމޯ-ލެސްޓޭގެ ރައީސްއާއި، އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ގުރޫޕުގެ ޗެއާ އަދި މަލާވީގެ ރައީސްގެ އިތުރުން އދ. ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ ހަވާސާގައި ރިޕަބްލިކް އޮފް ސާބިއާގެ ރައީސްއާ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުންތަކުގައި އެމަނިކުފާނު ވަނީ ރާއްޖެއާއި އެގައުމުތަކުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ އެ ގައުމުތަކާ އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.
ރައީސް ސޯލިހްގެ މި ދަތުރުފުޅުގައި ދެވަނަ މަންޒިލެއްގެ ގޮތުން ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އެމަނިކުފާނު ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޖަރުމަނު ވިލާތުގެ ބާލިންގެ މެސޭ ބާލިންގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓީބީ) ބާލިން ފެއާއަށް ޒިޔާރަތް ކުރައްވާފަ އެވެ.
މި ދަތުރުފުޅުގައި ޖަރުމަނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ ވަނީ ރައީސް ސޯލިހްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ. އަދި މި ދަތުރުފުޅުގެ އެންމެ ފަހުގެ ރަސްމީ ބައްދަލުވުމެއްގެ ގޮތުން ރައީސް ސޯލިހް ވަނީ ޖަރުމަނުގެ ރައީސް އާ ބައްދަލުކުރައްވާފަ އެވެ.