ލަ ލީގާ

ޔޫރޯއާ ދެކޮޅު ޑްރޯންއިން ބިލްބާއޯގެ މެޗަށް ހިޔަނި

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް، ސްޕެއިންގެ ބިލްބާއޯގައި ބާއްވަން ދެކޮޅު ހަދާކަން ޝުއޫރު ފާޅުކޮށްފައިވާ ބެނާއެއް ވިހުރުވަމުން ދިޔަ ޑްރޯން އަކުން ލަލީގާގައި އެތުލެޓިކް ކުލަބު ބިލްބާއޯ އާއި އެއިބާ ކުޅެމުންދިޔަ މެޗަށް އުނދަގޫ ކުރިމަތި ކޮށްފި އެވެ.

މެޗުގެ 68 ވަނަ މިނެޓްގައި މެޗު މެދުކަނޑާލަން، ރެފްރީ ވެލަންޓީން ޕިޒާރޯ ގޯމޭޒަށް ޖެހުނެވެ. އޭނާގެ އަތުން ޑްރޯން އާއި ބެނާގެ ފޮތިގަނޑު ހިފައިގެން ދަނޑުން ބޭރު ކުރި އެވެ.

ކުރިން މިދިޔަ އަހަރު ބާއްވަން ތާވަލު ކުރި ނަމަވެސް، ކޮވިޑް 19 އާ ހެދި މިއަހަރަށް ފަސް ކޮށްފައިވާ ޔޫރޯ 2020 ބާއްވާ ޔޫރަޕްގެ 12 ސިޓީގެ ތެރެއިން އެއް ސިޓީއަކީ ބިލްބާއޯ އެވެ. ސްޕެއިން ހިމެނޭ ގުރޫޕް ސްޓޭޖުގެ ތިން މެޗުވެސް ހޯސްޓް ކުރާނީ ބިލްބާއޯގެ ސަން މަމޭސް ސްޓޭޑިއަމްގަ އެވެ. ސްޕެއިންގެ ގައުމީ ޓީމު މެޗުތައް ބިލްބާއޯ ނިސްބަތްވާ "ބޭސްކިއު ކަންޓްރީ" ގައި ހޯސްޓް ކުރަން އެ ނިންމީ 54 އަހަރަށް ފަހު އެވެ.

ސްޕެއިންގެ މެޗުތައް، ބިލްބާއޯގައި ބޭއްވުމަށް ދެކޮޅު ހަދަމުން ދަނީ، ވަކި ގައުމެއްގެ ގޮތުގައި ބޭސްކިއު ހެދުމަށް ތާއީދު ކުރާ ސިޔާސީ ޕާޓީތަކުންނެވެ.

އެއިބާ އާ ދެކޮޅަށް ބިލްބާއޯ ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗުތައް 12 ސިޓީގައި ހޯސްޓް ކުރި ނަމަވެސް، މެޗުތައް ކުޅެން ޖެހޭނީ ސަޕޯޓަރުން ނުވައްދަ އެވެ. ކޮވިޑް-19 ގެ ސަބަބުން ޔޫރަޕް އަދިވެސް އޮތީ އުނދަގޫ ހާލަތެއްގަ އެވެ.